ފުލަމްގެ މައްޗަށް 3-0 އިން ކުރި ހޯދައި އާސެނަލް އިން މޮޅަކާއެކު ޕްރިމިއާ ލީގުގެ އާ ސީޒަން ފަށައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މި ސީޒަން ވެސް ފަށާފައިވަނީ ސަޕޯޓަރުންނަށް ދަނޑަށް ނުވައްދާ ކަމަށްވާއިރު، އާސެނަލްއާ ދެކޮޅަށް މިއަދު ކުޅުނު ފުލަމް އަކީ މި ސީޒަނުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ތިން ޓީމުގެ ތެރޭގައި ހިމެނޭ ޓީމެކެވެ.
ފުލަމްގެ ދަނޑުގައި މިއަދު ކުޅުނު މި މެޗުގައި އާސެނަލް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 8 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލަކަޒެޓްއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ވެސް އާސެނަލް އިން ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ވިލިއަން ފޮނުވާލި ހިލޭޖެހުމެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެއެވެ.
އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އާސެނަލް އިން ނިންމާލިއިރު މެޗުގެ 49 ވަނަ މިނެޓްގައި އެޓީމުގެ ބްރެޒިލް ޑިފެންޑަރު ގެބްރިއަލް ވަނީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ގެބްރިއަލް އަކީ މި ޓްރާންސްފާ މާކެޓުގައި އާސެނަލް އަށް ގެނައި ކުޅުންތެރިއެކެވެ.
އަދި ވިލިއަން ދިން ޕާހަކުން މެޗުގެ 57 ވަނަ މިނެޓްގައި އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އޮބަމަޔަންގް އެވެ. މި ދެ ގޯލަށްފަހު ވެސް މި ހާފުގައި އިތުރު ގޯލުތަކެއް ކާމިޔާބުކުރަން އާސެނަލް އަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ލަކަޒެޓް ފޮނުވާލި ހަމަލާއެއް ފުލަމްގެ ކީޕަރު ދިފާއުކުރިއިރު އޮބަމަޔަންގް ފޮނުވާލި ހަމަލާ ފުލަމްގެ ޑިފެންޑަރަކު ވަނީ ގޯލުގެ ރޮގުމަތިން ދިފާއުކޮށްފައެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ވެސްޓަހަމް ޔުނައިޓެޑާ އެވެ. ފުލަމް ނިކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.