Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ބާރުގެ ބޭނުންކޮށް ޒުވާނުން ހައްޔަރުކުރުމަކީ ފިނޑި އަމަލެއް: ޖަމީލު

ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ޒުވާނުން ހައްޔަރުކުރުމަކީ ފިނޑި އަމަލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޒުވާނުންގެ ސައިކަލު ބުރު ނުފެށެނީސް ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާފައެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 41 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒުވާނުންގެ ޞުލްޙަވެރި ހަރަކާތަށް ހުރަސްއެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިންގެވި އަނިޔާވެރި، ދުސްތޫރާ ޚިލާފު އަމަލެއް ކަމަށެވެ.

"ހާލަތާ ނުބައްދަލު ބާރުބޭނުންކޮށް ޒުވާނުންތަކެއް ހައްޔަރުކުރުމަކީ ފިނޑި، ނާތަހުޒީބު ޢަަމަލެއް. އަނިޔާކުރިޔަސް ގަދަވާނީ ރައްޔިތުންގެ ބާރު. ޒުވާނުންގެ އަޑަކީ މުޅި ޤައުމްގެ އަޑު" ޖަމީލު ވިދާޅުވިއެވެ.

އެ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސްވެރިން ވެސް ހަރަކާތްތެރިވިއިރު، ސައިކަލު ބުރު ކުރިއަށް ނުގެންދެވުމުން ހިނގާލުމެއް ވެސް ފެށިއެވެ. ނަމަވެސް އެ ހިނގާލުން ވެސް ފުލުހުން ވަނީ ހުއްޓުވާފައެވެ.

ޒުވާނުންގެ ސައިކަލު ބުރު ފުލުހުން ހުއްޓުވިއިރު، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ފަރާތްތަކަކުން ވެސް އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.

އަދި އެޗްޕީއޭގެ އެންގެވުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި، އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން މިއަދު ވަނީ ދީފައެވެ.