Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ސަލާހުގެ ހެޓްރިކުން ލިވަޕޫލް މޮޅުވެއްޖެ

މުހައްމަދު ސަލާހުގެ ހެޓްރިކުން 4-3 އިން ލީޑްސް ޔުނައިޓެޑް ބަލިކުރުމަށްފަހު ލިވަޕޫލް އިން ޕްރިމިއާ ލީގުގެ އާ ސީޒަން މޮޅަކާއެކު ފަށައިފިއެވެ.

ގިނަ އަހަރުތަކަކަށްފަހު މި ސީޒަނުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ލީޑްސްގެ މައްޗަށް ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް އިން ވަނީ މެޗުގެ ހަތަރުވަނަ މިނެޓްގައި ލީޑު ނަގާދީފައެވެ. އެގޮތުން ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު ކާމިޔާބުކޮށްދިނީ ސަލާހުއެވެ.

މެޗުގެ 12 ވަނަ މިނެޓްގައި ހެރިސަން ލީޑްސް އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް މެޗުގެ 20 ވަނަ މިނެޓްގައި ވެން ޑައިކް ވަނީ ލިވަޕޫލަށް އަލުން ލީޑު ނަގާދީފައެވެ. ލިވަޕޫލަށް މިފަހަރު ލީޑުގައި ހިފަހައްޓާލެވުނީ އެންމެ 10 މިނެޓަށެވެ. އެގޮތުން ވެންޑައިކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިދި މެޗުގެ 30 ވަނަ މިނެޓްގައި ޕެޓްރިކް ބެމްފޯޑް ވަނީ ލީޑްސް އަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަމަވެސް އޭގެ ތިން މިނެޓްފަހުން ސަލާހު ވަނީ ތިންވަނަ ފަހަރަށް މި މެޗުގައި ލިވަޕޫލްގެ ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 66 ވަނަ މިނެޓްގައި ކްލިޗް ވަނީ ހިތްގައިމު ގޯލަކާއެކު ލީޑްސް އަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

ލީޑްސްގެ މި ގޯލާއެކު ލިވަޕޫލްގެ އެޓޭކުތައް ދިޔައީ އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މެޗުގެ 88 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސަލާހު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ލިވަޕޫލަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ޗެލްސީއާ އެވެ. ލީޑްސް ނިކުންނާނީ މިއަދު އާސެނަލް އަތުން 3-0 އިން ބަލިވި ފުލަމްއާ ދެކޮޅަށެވެ.