Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ސައީދު، ނަޝީދަށް: ހައްދުފަހަނައެޅުމުން ދުރުވެ، އިސްލާހުވޭ

ހައްދުފަހަނައެޅުމުން ދުރަށްޖެހި އިސްލާހުވެ ވަޑައިގަތުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައިފިއެވެ.

ސައީދު މިކަމަށް ގޮވާލީ "އިންޑިއާ އައުޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި މިހާރު ހިންގަމުން އަންނަ ހަރަކާތުގެ އަޑީގައި ތިބީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ނަޝީދު ވިދާޅުވެފައިވާތީއެވެ.

އެކަމާ ގުޅިގެން ސައީދު ވިދާޅުވީ އެންމެ ފުރަތަމަ އިސްލާހުވާންވީ ނަޝީދު ކަމަށާއި އެގޮތުން ހައްދުފަހަނައެޅުމުން ދުރަށްޖެހި ޕާޓީގެ ވެރިއަކީ ކޮބައިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާހަކަދައްކަވައިގެން ނިންމެވުން ރަނގަޅުވާނެ ކަމަށެވެ. އަދި ގައުމީ ކަންކަމުގައި ގޮތް ކިޔާނީ ދިވެހިން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހަރުކަށި މީހުން އަޑީގައި ތިބެގެން ހިންގާ އެ ހަރަކާތަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީޕީއެމުން އެއްބާރުލުންދީ އެ މީހުންގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށެވެ.

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ޕީޕީއެމުން މަސައްކަތް ކުރަނީ ހަރުކަށި ދީނީ ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސް އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށެވެ. އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެއީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އެބަތިބި ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް އަޅަން އުޅޭ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް މި ވާހަކަތައް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ.