Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

"އިންޑިއާ އައުޓް" އޭޭ ގޮވަނީ އައިސިސްގެ ސެލްތަކުން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

"އިންޑިއާ އައުޓް" އޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ސެލްތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އައިސިސް އިން ކުރާ ކަމެއްކަން މިހާރު ވަރަށް ގިނަ ބައިނަލްއަގުވާމީ އިދާރާތަށް ސާފުވެފައިވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީން މި ޝިޔާރު ބޭނުން ކުރާނަމަ، އެ ބާރު ދެވެނީ އައިސިސް އިން މި ރާއްޖެ ހިފުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވަނީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އެބަތިބި ކަމަށް ތުހުމަތުކޮށް އެ ފަރާތްތައް ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް އަޅަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ރާއްޖޭގައި މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް އެއްވެސް ގައުމެއްގެ ނެތްކަން. އޭގެ ތަފްސީލަށް ދާނަމަ، ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެ އަކު ނުއެއް ނެތް" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް މިހެން ވިދާޅުވިއިރު ރާއްޖޭގެ މިނިވަން ކަމަށް ލޮޅުން އަރާނެ ކަމަށް މި ސަރުކާރުން ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.