Last Updated: April 26, 17:02
Friday, April 26, 2024
ކުޅިވަރު

ފަސް ރަތްކާޑު ފެނުނު މެޗުން ޕީއެސްޖީ ބަލިވެއްޖެ

ފްރެންޗު ލީގުގައި ރޭ ފަސް ރަތްކާޑު ފެނިގެންދިޔަ މެޗުން މާސޭ އަތުން 1-0 އިން ޕީއެސްޖީ ބަލިވެއްޖެއެވެ.

ލީގުގެ ފުރަތަމަ މެޗުން ވެސް ޕީއެސްޖީ ބަލިވެފައިވާއިރު މިއީ 1978 ވަނަ އަހަރަށްފަހު ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ 2011 ވަނަ އަހަރަށްފަހު މާސާ އަށް ވާދަވެރި ޕީއެސްޖީ ބަލިކުރެވުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ލީގުގެ ފުރަތަމަ މެޗާއި ހިލާފަށް ރޭގެ މެޗުގައި ޕީއެސްޖީގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ކުޅެފައިވެއެވެ. ލީގުގެ ފުރަތަމަ މެޗުގައި ޕީއެސްޖީގެ މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް ކުޅެވޭ ގޮތް ނުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މާސޭ އަށް މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފްލޮރިއަން ތޯވާންއެވެ. މި ގޯލަށްފަހު ވެސް މާސޭ އަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ.

ޕީއެސްޖީ އަށް އެންމެ އެދެވޭ ކުޅުމެއް މި މެޗުގައި ދެއްކޭގޮތް ނުވިއިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވަނީ ބޮޑު ކުރިމަތިލުމެއް ހިނގާފައެވެ. އެ ކުރިމަތިލުމާއެކު ރެފްރީ ވަނީ ޕީއެސްޖީގެ ނޭމާ އާއި ޕަރޭޑެސް އަދި ކުރްޒާވާ އަށް ރަތްކާޑު ދައްކާފައެވެ. އަދި މާސޭގެ އަމާވީ އާއި ބެނެޑެޓޯ އަށް ވެސް ވަނީ ރަތްކާޑު ދައްކާފައެވެ.

ފަސް ކުޅުންތެރިއަކަށް ރަތްކާޑު ދެއްކިއިރު ނޭމާ ވަނީ ދަނޑުން ފަައިބައިގެންދިޔައިރު މާސޭގެ އަލްވަރޯ ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރި ކަމަށްވެސް ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ތުހުމަތު އަލްވަރޯ ވަނީ ދޮގުކޮށްފައެވެ.