Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 9000 އިން މައްޗަށް!

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9000 އިން މައްްޗަށް ހިނގައްޖެއެވެ.

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިއްޔެ ހަވީރު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ރާއްޖެއިން 9173 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އާބާދީގައި 4 ލައްކަ މީހުން ހަމަނުވާ ރާއްޖޭގައި މިއީ ބޮޑު އަދަދެކެވެ.

މުޅި ދުނިޔޭގައިވެސް ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އަދި ރަސްމީ ސިފައެއްގައި ވެކްސިނެއް ހޯދިފައި ނުވާ މި ބަލީގައި ރާއްޖޭން މިހާތަނަށް 32 މީހަކު ވަނީ މަރުވެފައެވެ.

އިއްޔެ އެކަނިވެސް ބައްޔަށް 121 މީހުން ޕޮޒިޓިވްވެފައިވާ އިރު މިދިޔަ ހަފްތާއިން ފެށިގެން އަނެއްކާވެސް ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ކޮވިޑުގެ ބިރުވެރިކަން އަންނަނީ ބޮޑުވަމުންނެވެ. އެގޮތުން މާލެ ފިޔަވައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ގދ. ހޯޑެއްދޫއިންނެވެ. ހޯޑެއްދޫއިން 37 ވަނީ ބައްޔަށަް ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން ބުނީ މި ބަލި ޖެހިފައިވާ މީހުން ރާއްޖޭގެ 28 ރަށެއްގައި އެބަތިބި ކަމަށެވެ.