Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރައްޔިތުން ރުޅިއައުމުން އައިސިސްގެ ޓޭޕް އަޅުވާނެ ކަމެއް ނެތް

ރައްޔިތުން ރުޅި އައުމުން ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ޓޭޕް އަޅުވާނެ ކަމެއް ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ރައްދު ދެއްވައިފިއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ "އިންޑިއާ އައުޓް" އޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ސެލްތަކުން ކަމަށް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ޖަމީލު މިއަދު ވިދާޅުވީ ކޮރަޕްޝަން ހިންގައި، ހިދުމަތް ސުމެއްގައި އަދި ގައުމަށް ފައިދާ ހުރި ކަމެއް ނުކޮށްދެވި، ރައްޔިތުން ރުޅި އައުމުން އައިސިސްގެ ޓޭޕް އަޅުވާނެ ކަމެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ އިސްވެރިންގެ ވާހަކަތަކަށް ދިވެހިން ފަރިތަވެފައިވާ ކަމަށާއި ފޮރުވިފައި އޮތީ ފަންޑު ހޯދުމާއި ވަކި ބަޔަކު ރުއްސުންތޯ ވެސް ޖަމީލު ވަނީ ސުވާލު ކުރައްވާފައެވެ.

"ތިޔަ ދުވަސްވީ އައިސިސްގެ ޓޭޕުން އިގްތިސާދު އަދި ރާއްޖެ އަށް ކޮންމެ ފަދަ ގެއްލުމެއް ވިޔަސް ރައީސް ނަޝީދު އަދި އެމްޑީޕީ އަށް ސިޔާސީ ފައިދާ އަށް ނެގިދާނެ ކަމަށް ހީވާނަމަ އެ ނިމުނީތޯ" ޖަމީލު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވަނީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އެބަތިބި ކަމަށް ތުހުމަތުކޮށް އެ ފަރާތްތައް ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް އަޅަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ރާއްޖޭގައި މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް އެއްވެސް ގައުމެއްގެ ނެތްކަން. އޭގެ ތަފްސީލަށް ދާނަމަ، ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެ އަކު ނުއެއް ނެތް" ޝަމާލް ވިދާޅުވިއެވެ.