Last Updated: April 20, 18:45
Tuesday, April 20, 2021
ރިޕޯޓް

ރަށު ބަންދަކީ ވެސް ވޭނެއް، "އޯކޭއެއް" ނޫން!

ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާ ކޮވިޑު-19 މިވަނީ މުޅި ދުނިޔެ ހުއްޓުވާލާފައެވެ. އެއް ގައުމުން އަނެއް ގައުމަށް، އެއް ރަށުން އަނެއް ރަށައް، އަދި އެއް އަވަށުން އަނެއް އަވަށައް ދަތުރުކުރުން މިވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. އެމީހަކު ހުރި ތަނެއްގައި ބަންދުވެވިގެން ތިބެން މަޖްބޫރުވެފައެވެ. މިއީ އެތައް ބަޔަކަށް ބޮޑު ހިތްދަތިކަމެކެވެ.

މިދިޔަ އެޕްރީލް މަހު މާލެއިން ކޮވިޑު-19ގެ ފުތަރަމަ ބަލި މީހަކު ފެނުމާ އެކު މާލެ ފުރަބަންދު ކުރިއެވެ. އެތައް ހާސް ބަޔަކު މާލޭގައި ބަންދުވެ، އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އަމިއްލަ ރަށަށް ނުދެވި މާލޭގައި އެއްބަޔަކު ބިކަވި އިރު އަނެއް ބަޔަކު އެތިބީ ރަށު ބަންދުގައި ތާށިވެފަ އެވެ.

ކޮވިޑު-19 އާ އެކު އެތައް ބައެއްގެ ވަޒީފާ މިވަނީ ގެއްލިފައެވެ. ރިސޯޓުތަކުގައި ވަޒީފާ އަދާކުރި އެތައް ބަޔަކު އަމިއްލަ ރަށުގައި ބިކަވެފައެވެ. ރަށުގައި ކުރާނެ ކަމެއް ނެތި ރަށު ބަންދުގައެވެ.

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައަކާ އެކު މާލެއިން ރަށްތަކަށް ދަތުރުކުރާ އެންމެން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހުނަސް، މި ބަލި ރަށްރަށުގައި ފެތުރިދާނެކަމުގެ ބިރު ވެސް އެހާމެ ބޮޑެވެ. މި ބިރާ އެކު އެތައް ބަޔަކު ތިބެން ޖެހެނީ ގޭބަންދުވެ، ރަށު ބަންދުވެފައެވެ.

ރަށުގައި ތިބެ އަމިއްލަ މަސައްކަތްކޮށް އުފައްދާ ތަކެތި މާލެ ވިއްކައި ނަފާ ހޯދަމުން އައި އެތައް ބަޔަކު މިއަދު މިތިބީ އެމަސައްކަތް ހުއްޓި އާމްދަނީ ލިބޭނެ ގޮތެއް ނެތިފަ އެވެ. އެމީހުން ކާން ބޯން ކުރި މަސައްކަތުގެ އަގެއް މި ދުވަސްވަރަކު ނެތެވެ. އެެހެންވެ އެފަދަ މީހުން އެ ތިބީ މަސައްކަތް ހުއްޓި ރަށު ބަންދުވެފައެވެ.

ވިސްނަން ޖެހޭ ކަމަކީ ވެރިރަށާއި އެހެން ރަށްރަށް ވަރަށް ތަފާތުކަމެވެ. ވެރިރަށުގެ އާބާދީ ބޮޑުވުމާއި، ވިޔަފާރީގެ ހަރަކާތްތައް ގިނަކަމުން ރަށްރަށަށް ވުރެ ގިނަ ގޮތްގޮތް އާންމުންނަށް ތަނަވަހެވެ. ވަޒީފާ ވެސް ގިނަ އެވެ.

ރަށްރަށާއި މާލެއާ އޮތް ވިޔަފާރީގެ ގުޅުމަކީ، ރަށްފުށުގެ ދިރިއުޅުމުގެ އެއް ބައެވެ. އަނެއް ބަޔަކީ ރިސޯޓްތަކާ އެކު ދަމަހައްޓަމުން އަންނަ ވިޔަފާރީގެ ފުރުސަތުތަކެވެ. އެކަމަކު ޓޫރިޒަމް ހުއްޓުމުން އެ ފުރުސަތުތައް މިހާރު މި ވަނީ ގެއްލިފަ އެވެ. އޭގެ މާނައަކީ ރަށުގައި އުފައްދާ އެއްޗެއް ވިއްކައިގެން، މަހަށް ގޮސްގެން، ކުނިކެހުން ފަދަ ކަންކަމުގައި ބައިވެރިވެގެން ހޯދަމުން އައި އާމްދަނީ ލޯ މަތިން ގެއްލުމެވެ.

އެ ރައްޔިތުންނަށް ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟ އެންމެ އަސާސީ ކަންކަން ވެސް ފުއްދާނީ ކިހިނެއް ހެއްޔެވެ؟ މީހެއްގެ ކައިރިއަށް ސަލާން ޖަހަން ނުގޮސް ތިބެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

މި ސުވާލުތަކަށް ސީދާ ޖަވާބެއް ނެތެވެ. އެކަމަކު މި ދަތި ހާލަތުގައި ކޮންމެ މީހެއްގެ ހިތަށް ވެސް މިފަދަ ސުވާލުުތައް އަރައި ފައިބާނެ އެވެ. ޖަވާބެއް ވިސްނޭތޯ އުޅޭނެ އެވެ. އެކަމަކު ސީދާ ޖަވާބެއް ލިބުމަށް ވުރެ، ދެމިގެން މިދާ އަނދިރިކަން އަދިވެސް ފެންނަނީ ބޮޑުކޮށެވެ.

ކޮވިޑު-19 އާ އެކު ކުރިމަތިވި "ރަށު ބަންދަކީ" ވޭނަކަށް ވެގެން މި އުޅެނީ، މިހާރު މިދާ ގޮތުން ކުރިމަގާ މެދު ސީދާ ކަށަވަރުކަމެއް ނެތުމުންނެވެ. ނަމަވެސް މިފަދަ ކޮންމެ ކަމެއް "އޯކޭއަކުން" ބައެއް މީހުން ފުއްދާލަފާނެ އެވެ. އެއީ ވަށައިގެން އޮތް ސާފު ސަބަބުތައް ކިތައްމެ ރަނގަޅަށް އެނގުނަސް، އެކަން ނުދަންނަ ކަމަށް ހަދައިގެން އުޅޭ މީހުންނެވެ. އެއީ ކިތައްމެ ސީރިއަސް ކަމެއް ވެސް ކަމަކަށް ނުހަދާ މީހުންނެވެ.

ރާއްޖެ މި އޮތް ހާލަތުގެ އަސްލު ބޮޑު މަންޒަރަކީ، ގިނަ މީހުން ތަހައްމަލްކުރަމުން މިގެންދާ ވޭނެވެ. އެހެންކަމުން މި ވޭން، މި ހުއްޓުން، އަދި މި ބަންދު އެއްގޮތަކަށް ވެސް "އޯކޭއެއް" ނޫނެވެ. އޯކޭ ވާން ޖެހޭނީ، މި ކަމުން ސަލާމަތްވެ، އެންމެންނަށް ވެސް މިނިވަންކަމާ އެކު އުޅެ، ބިރެއް ނެތި މަސައްކަތްކުރެވި، އާމްދަނީގެ ދޮރުތައް ހުޅުވިގެންނެވެ. އެކަން ވާން އޮތީ އެންމެން ގުޅިގެން، އެންމެންގެ ވެސް ފަރުދީ ޒިންމާ ނަގައިގެންނެވެ. "ކޮވިޑު ހުއްޓުވާނީ އަހަރެން" ކަމަށް ކަނޑައަޅައި، އެ މަގުން އަޒުމަކާ އެކު ހިނގައިގެންނެވެ.