Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި އެއް ބިލިއަން ލިބިއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) - ފޮޓޯ: ސަން

މިދިޔަ އޮގަސްޓު މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ދައުލަތަށް ވަނީ 1.71 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މީރާ އިން ބުނީ މިދިޔަ މަހު ދައުލަތަށް މިހާ ގިނައިން އާމްދަނީ ލިބިގެން ދިޔަ ސަބަބެއް ކަމަށް މީރާ އިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ލަސްކުރި ޓެކްސް ސުންގަޑިތައް އޮގަސްޓުމަހަށް ހަމަވުން ކަމަށެވެ.

އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ އިންކަމް ޓެކުހުންނެވެ. ދައުލަތަށް ލިބުނު އާމްދަނީގެ 46 ޕަސެންޓު އިންކަމް ޓެކްސް ހިއްސާ ކުރާއިރު އިންކަމް ޓެކުހުގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 783 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުންޏެވެ.

ދެވަނަ އަށް އެންމެ ގިނަ އާމްދަނީ އެއް ލިބިފައިވާ ކަމަށް މީރާއިން ބުނީ ބިޒްނަސް ޕްރޮފިޓު ޓެކުހުންނެވެ. އެގޮތުން ދައުލަތަށް ލިބުނު އާމްދަނީގެ 27.8 ޕަސެންޓު ބީޕީޓި ހިއްސާކުރެއެވެ. މިދިޔަ މަހު ބީޕީޓީ އިން ދައުލަތަށް 474 މިލިއަން ރުފިޔާ ލިބުނެވެ.

ތިންވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ ޖުމްލަ އާމްދަނީގެ 17.2 ޕަސެންޓެވެ. މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 293 މިލިއަން ރުފިޔާ ވަނީ ލިބިގެން ގޮސްފައެވެ.