Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ޗެލްސީ މޮޅަކުން ލީގު ފަށައިފި

ބްރައިޓަންގެ މައްޗަށް 3-1 އިން ކުރި ހޯދައި ޗެލްސީން ޕްރިމިއާ ލީގުގެ އާ ސީޒަން މޮޅަކުން ފަށައިފިއެވެ.

ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނުު މި މެޗުގައި މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޗެލްސީއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން ޓިމޯ ވާނާ އާއި ކައި ހަވެޓްޒް ވަނީ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.

ބްރައިޓަން އިން މެޗުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެޓީމުގެ ޑިފެންސްލައިނަށް ހެދުނު ގޯހަކުން މެޗުގެ 23 ވަނަ މިނެޓްގައި ޗެލްސީ އަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. މި ޕެނަލްޓީ ލިބުނީ ވާނާ އަށް ބްރައިޓަންގެ ކީޕަރު ކުރި ފައުލަކާ ގުޅިގެންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ޗެލްސީ އަށް ލީޑު ނަގައިދިނީ ޖޯޖީނިއޯއެވެ.

ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބްރައިޓަންގެ ޓްރޮސާޑް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓްފަހުން ރީސް ޖޭމްސް ވަނީ ހިތްގައިމު ގޯލަކާއެކު ޗެލްސީ އަށް އަލުން ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްލަން ބްރައިޓަންގެ ކެޕްޓަން ޑަންކް އަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވިއިރު މެޗުގެ 66 ވަނަ މިނެޓްގައި ކާޓް ޒޫމާ ވަނީ ޗެލްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ލިވަޕޫލްއާއެވެ. ބްރައިޓަން ނިކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ.