Last Updated: April 24, 11:29
Wednesday, April 24, 2024
ވިޔަފާރި

އިންޑިއާ އިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރިޔަސް ރާއްޖެއަށް ލިބޭނެ

ފިޔާ ބަސްތާތަކެއް - ފޮޓޯ: އަވަސް

އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް ރާއްޖެ އަށް އެކަމުގައި ދައްޗެއް ނާންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފިޔާ ސަޕްލައި ކުރުމަށް ދަތިވުމާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. ނަމަވެސް އިންޑިއާ އިން ހާއްސަ ހުއްދައިގެ ދަށުން އެކްސްޕޯޓް ކުރާ ގައުމުތައް މީގެތެރޭގައި ނުހިމެނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރި ނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން، ނިމިދިޔަ މަހު އިންޑިއާއިން އައުކޮށްދީފައިވާ ކޯޓާއާއި އެއްގޮތަށް، މެދުނުކެނޑި އަދި ދަތިކަމެއް ނެތި ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ ކޯޓާ އިންޑިއާއިން އާކޮށްދީފައިވާކަން ހާމަކުރީ މިދިޔަ މަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާއެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލެއްގައެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާއިން ވަނީ ކާޑުގެ ބާވަތްތަކާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ސާމާނު ރާއްޖެއަށް ފޯރުކޮށްދީފައެވެ. 2019 ވަނަ އަހަރު އިންޑިއާއިން ފިޔާގެ އެކްސްޕޯޓް އެހެން ހުރިހާ ގައުމަކަށް ހުއްޓާލި އިރުވެސް ރާއްޖެއަށް ދަތިކަމެއް ނެތި ފިޔާ އެކްސްޕޯޓް ކޮށްދީފައިވެއެވެ.

އަދި މިޝަން ސާގަރު ގެ ދަށުން މިދިޔަ މެއި މަހު އިންޑިއާއިން ވަނީ 580 ޓަނުގެ ކާޑުގެ ޝިޕްމެންޓެއް ވެސް ރާއްޖެއަށް ފޯރުކޮށްދީފައެވެ.