Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އަމާޒަކީ އައްޑޫ އެއާޕޯޓަށް އަަހަރަކު 6 ލައްކަ ފަތުރުވެރިން ގެނައުން: ފައްޔާޒު

ސަރުކާރުގެ އަމާޒަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކޮށް އަހަރަކު 6 ލައްކަ ފަތުރުވެރިން ގެނައުމަށްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ ސަރުކާރުން އައްޑޫ ތަރައްޤީ ކުރުމަށް އެކުލަވާފައިވާ ޕްލޭނާއި އެއްގޮތަށް އައްޑޫ ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް 17 މިލިއަން ޑޮލަރު އިންވެސްޓު ކުރާއިރު އެ ފައިސާ އަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ތެރެއިން އެއާޕޯޓަށް އިންވެސްޓު ކުރާނެ ފައިސާކަމަށެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އެކު ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމެއެވެ. އެގޮތުން އެއާޕޯޓު ތަރައްޤީކޮށް 6 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ އިންފްރާސްޓަރަކްޗަރ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދިނުން، އައްޑޫއަށް ގޮސް މީހުންނަށް ވަޒީފާ އަދާކުރެވޭނެ މަގު ފަހިުކުރުން.. ދަރިންނަށް ރަނގަޅު ތައުލީމެއް ދީ، ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން." ފައްޔާޒު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އައްޑޫގައި 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގާނެކަމަށް ވައުދުވެފައެވެ. މިދިޔަ އަހަރު ބޭއްވި 19 ވަނަ މަޖްލިސް އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހހު ވިދާޅުވީ މި ފައިސާއިން އައްޑޫގެ މަގުތަކާއި، ކަރަންޓު އަދި ޓޫރިޒަމް ތަރައްޤީ ކުރާނެކަމަށެވެ.