Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ޕާޓީތަކުގެ އިސް ފަރާތް ކަނޑައަޅާނީ އީސީއަކުން ނޫން: ޝަރީފް

ސިޔާސީ ޕާޓީތަކުގެ އިސް ފަރާތް ކަނޑައަޅާނީ އިލެކްޝަން ކޮމިޝަން (އީސީ) އިން ނޫން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ އެންމެ އިސް ފަރާތަކީ ކޮން ފަރާތެއް ކަމާމެދު ސުވާލު އުފެދި އެކަމުގެ ބަހުސެއް ފެށިފައިވާ ދަނޑިވަޅެއްގައި އާންމު ފަރާތަކުން ކުރި ސުވާލަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ އީސީ އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްފަރާތަކީ ކޮންފަރާތެއްތޯ ކަނޑައަޅާ މުއައްސަސާއެއް ނޫން ކަމަށެވެ.

"އެކަން އިނގޭނީ އެ ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތަކުން. އެމްޑީޕީގެ އަސާސީ ގަވާއިދުގެ 6 ވަނަ ބާބު މާއްދާތަކުން އެކަން އެނގެން އެބައޮތް" ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޕާޓީ ރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފާރަތަކީ އޭނާއެވެ. އަދި ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސް ކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ.

އެ މާއްދާގައި މިގޮތަށް ބުނެފައިވީ ނަމަވެސް ދާދިފަހުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެ ޕާޓީގެ ފިޔަވަޅު ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެމްޑީޕީގެ އެންމެ އިސް ފަރާތަކީ އެ ޕާޓީގެ ރައީސް ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ޝުއައިބު ވަނީ ހަސަން ލަތީފަށް ބަޣާވާތުގެ ތުހުމަތުކޮށް އޭނާ ޕާޓީގެ ޗެއާޕާސަންގެ މަގާމުން ވަކިކޮށްދިނުމަށް އެދި ރައީސް ސޯލިހަށް ސިޓީފުޅެއް ވެސް ފޮނުއްވާފައެވެ.