Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޕްރިންސިޕަލުންގެ އުސޫލާ ގުޅޭ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އާދަމް ޝަރީފް - ފޮޓޯ: މަޖިލިސް

އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވަގެން ހުރެވޭނީ 8 އަހަރު ކަމަށް ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލުގައި ބުނެފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު އެ އުސޫލު އޮތް ގޮތުން ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ތައުލީމީ ދާއިރާ އަށް ލިބިގެން ދާނެ ކަމަށެވެ. އެހެންކަމުން އާދަމް ޝަރީފް ވަނީ އެ އުސޫލު މުރާޖާ ކުރުމަށް ގޮވާލާފައެވެ.

"އެންމެ ބޮޑު މައްސަލަ އަކީ ހިއުމިލިޓޭޝަން. ޕްރިންސިޕަލުންނަކީ އަބުރުވެރި ބައެއް. އެޑްވާންޓޭޖު ނުނަންގަވާ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން މި އުސޫލުގެ މަގުސަދަކީ ސަރުކާރުގެ ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލްތަކަށް އެންމެ އެކަށީގެންވާ ޤާބިލު ޕްރިންސިޕަލުން އައްޔަންކުރުމެވެ.

އަދި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލުހޯދުމާއެކު، އައު ޚިޔާލުތަކާއި އައު ވިސްނުންތަކަށް ބިނާކޮށް ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމަކީވެސް މިއުސޫލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

މި އުސޫލުގައިވާ ގޮތުން ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ހޯދުމަށް އިއުލާން ކުރަންވާނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށެވެ. އަދި ޕްރިންސިޕަލުންގެ މަޤާމަށް ހޮވާ ފަރާތެއް ކަނޑައަޅާނީ "ތަޢުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވުމުގައި މާކުސް ދިނުމުގެ އުޞޫލު" ގައި ބަޔާންކުރާ މިންގަނޑާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ޕްރިންސިޕަލުންގެ މަޤާމަކީ ސިވިލް ސަރވިސްގެ "ދާއިމީ" ގިންތީގައި ހިމެނޭ މަގާމަކަށްވާތީ، އެމުވައްޒަފުންނާމެދު އަމަލުކުރެވޭނީ ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ތެރެއިން ދާއިމީ ގިންތީގެ މުވައްޒަފުންނާމެދު ޢަމަލުކުރާ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލެއް ކަނޑައަޅާނީ ކޮމިޓީއަކުންކަމަށްވެސް މިއުސޫލުގައި ބުނެފައިވެއެވެ.

ޕްރިންސިޕަލުންގެ މަގާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އޮނިގަނޑުގެ ދާއިމީ މަޤާމެއް ކަމަށްވީ ނަމަވެސް ޕްރިންސިޕަލުންގެ މަޤާމުގައި ތިބޭ މުވައްޒަފުން ތިބެންވާނީ އެމަގާމެއްގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ ސްކޫލެއްގައި ޓެނުއަރޝިޕްގައި ކަމަށްވެސް ބުނެފައިވެއެވެ.

އަދި ޕްރިންސިޕަލުންގެ ޓެނުއަރޝިޕްއަކީ ޕްރިންސިޕަލްގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމަށް ސަރުކާރުގެ ވަކި ސްކޫލަކަށް އައްޔަންކުރެވޭ މުއްދަތެއް ކަމަށާއި އެގޮތުން ސަރުކާރު ސްކޫލެއްގައި ޕްރިންސިޕަލް މަގާމުގައި ތިބޭ މުވައްޒަފުންގެ ޓެނުއަރޝިޕް މުއްދަތަކީ މީލާދީ 4 އަހަރުކަމަށް ބުނެފައިވެއެވެ. އަދި އެއް ސްކޫލެއްގައި ޕްރިންސިޕަލްގެ މަޤާމުގައި އެއްފަރާތަކަށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ ވިދިވިދިގެން ޖުމްލަ 8 އަހަރަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ޓެނުއަރޝިޕް އުސޫލުން ޕްރިންސިޕަލުން ސުކޫލްތަކަށް ހަމަޖެއްސުމަށްޓަކައި އިންޓަރނަލީ އިއުލާން ކުރަންވާނެކަމަށާއި، މިގޮތުން ކުރެވޭ އިއުލާނުގައި އެވަގުތު ޕްރިންސިޕަލުން ޓެނުއަރޝިޕް އުޞޫލުން ހަމަޖައްސަން ބޭނުންވާ ސްކޫލްތައް ބަޔާން ކުރަންވާނެކަމަށްވެސް ބުނެފައިވއެވެ. މި އުސޫލަށް އަމަލުކުރާނީ މި އުސޫލު އާންމުކުރާ ދުވަހުން ފެށިގެން ކަމަށްވެސް ބުނެފައިވެއެވެ.