Last Updated: April 20, 22:12
Tuesday, April 20, 2021
ރިޕޯޓް

އެހެން މީހުން ސަލާމަތްކުރަން މިއީ ނަމޫނާއެއް

ރާއްޖޭގައި އެންމެ ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރުނީ މިދިޔަ އޮގަސްޓްމަހުއެވެ. އެމަހު މާލެއިން ރާއްޖޭގެ އެހެން ރަށްތަކަށް ފުރަބަންދު ހޯމް ކަރަންޓީނަށް 2705 މީހުން ދިޔަ އެވެ. އޭގެ ތެރެއިން 121 މީހަކު ކޮވިޑަށް ފައްސިވި އެވެ. އެކަމަކު ޕޮޒިޓިވް ޚަބަރަކީ، މާލެ ފިޔަވައި އެހެން ރަށްރަށުގައި މި ބަލި ފެތުރިފައި ނުވުމެވެ. ހޯމް ކަރަންޓީނުގައި ތިބެ އެބަލިން ފަސޭހަވި ނަމަވެސް ވެސް ރާއްޖޭގައި ގިނައީ ކޮމިއުނިޓީ ސްޕްރެޑެއް ނެތް ރަށްތަކެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި، އެހާ ގިނަ އަދަދެއްގެ މީހުން ހޯމް ކަރަންޓީނަށް ދިއުމާ އެކުގައިމެ، އެ މުޖުތަމައުތައް ބަލިން ރައްކާތެރިވެ އޮތީ އުސޫލުތަކާ އެއްގޮތަށް މީހުން އަމަލުކުރުމުންނެވެ.

"އެހިސާބުން ބަލި ކޮންޓްރޯލްވެގެން ދިޔައީ ކަރަންޓީނަށް ވަޑައިގެންނެވި ފަރާތްތަކުން ކަރަންޓީނު ގައިޑްލައިންތަކާ އެއްގޮތަށް ގޭގައި ތިއްބެވީމާ،" ނަޒްލާ ވިދާޅުވެފައިވެ އެވެ.

ތިމާގެ ސަބަބުން ވައިރަސް ފެތުރުނަ ނުދިނުން

މުހައްމަދު އަހުމަދު، 40 (އަސްލު ނަމެއް ނޫން) އަކީ، ޑރ. ނަޒްލާ އެވިދާޅުވި ފަދައިން ފަރުދީ ޒިންމާ އަދާކުރި އެކެކެވެ. އޭނާ ހޯމް ކަރަންޓީނަށް ދިޔަ އިރު ވެސް ހިތުގެ އަޑިން ގަބޫލުކޮށްގެން ހުރީ ވައިރަސް އަރާފާނެ ހާލަތްތަކެއް މާލޭގައި އޭނާ ތަޖުރިބާކޮށްފައިވާނެ ކަމެވެ. އެހެންކަމުން، ހޯމް ކަރަންޓީނުގެ 14 ދުވަހަށް ފަހު ނަގާ ސާމްޕަލް އެބައްޔަށް ޕޮޒިޓިވް ވުމުގެ ހުރިހާ ފުރުސަތެއް އެބަ އޮތްކަން އޭނާއަށް އެނގެއެވެ.

އެހެންވެ، އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދިނީ ރަށުގެ އެހެން އެއްވެސް މީހަކާ ކޮންޓެކްޓްވުމުގެ އެއްވެސް ފުރުސަތެއް ނުބޭއްވުމަށެވެ. ރަށުގައި ތިބި އާއިލާގެ މީހުން އޭނާއާ މުއާމަލާތްކުރާނެ ގޮތުގެ ފުރިހަމަ އިރުޝާދުތަކެއް ދުރާލައި ދިނެވެ. މުހައްމަދާއި އޭނާގެ އާއިލާ ކަރަންޓީނުވާން، ގޭގެ އެހެން މީހުން ވަގުތީ ގޮތުން ބަދަލުވީ އާއިލާގެ އެހެން ބައެއްގެ ގާތަށެވެ.

"އަޅުގަނޑު ބުނިން މަންމަ އާއި ކޮއްކޮމެންގެ ގާތުގައި ވެސް، ގެއަށް އެއްޗެއް ގެންނަންޏާ ގޯތިތެރެއަށް އެތެރެކޮށްލާފައި ދާށޭ. އެއްޗެއް ބެހެއްޓިކަން އަންގާނީ ދުރަށް ގޮސްފައޭ،" މުހައްމަދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އެގޮތަށް ކަންތައް ކުރަން ލަފާދިން އެއް ސަބަބަކީ، މައިވަންތަކަމުގެ ލޯތްބާއި އުހުއްވަތްތެރިކަމުގެ ލޯބީގެ ސަބަބުން ވެސް އެއިން މީހަކު އޭނާގެ ގާތަށް ބޭއިހްތިޔާރުގައި އާދެވިދާނެ ފުރުސަތެއް ނުދޭން ވެގެންނެވެ. އާއިލާގެ މެމްބަރުންނަށް އޭނާ ތަކުރާރުކޮށް ދިން ލަފަޔަކީ، އެއްޗެއް ބަހައްޓަން އައިސް ގޭގެ ބޭރު ދޮރުގައި ވެސް އަތް ނުލުމަށެވެ.

ރަށަށް ދިޔަތާ ދެތިން ދުވަހުގެ ތެރޭގައި މުހައްމަދުގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށި އެވެ. ކަމާ ގުޅޭ މައުލޫމާތު ރަނގަޅަށް ލިބިހުރި މީހަކަށް ވާތީ އެ ހާލަތަށް ވެސް އޭނާ ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އަލާމާތްތައް ހަމަ ފެނުމާ އެކު، އަނބިދަރިންނާ ވަކިން އޭނާ އައިސޮލޭޓްވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންގައި ވެސް އޮތީ އެގޮތަށެވެ. ބައްޔަށް ޕޮޒިޓިވްވާ ހާލަތުގައި އެންމެ އިސްކަންދޭން ޖެހޭ އެއް ކަމަކީ އެހެން ބަޔަކާ ކޮންޓެކްޓް ނުވުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އިރުޝާދު ދެނީ ލެބޯޓްރީ ޓެސްޓަކުން ކޮވިޑަށް ޕޮޒިޓިވް އަދި ނުވިޔަސް، އެއްވެސް ވަރަކަށް އަލާމާތެއް ފެނިއްޖެ ނަމަ އެކަހެރި ވުމަށެވެ. ޑަބްލިއުއެޗްއޯގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އިރުޝާދުގައި ބުނެފައި ވަނީ،ރޯގާޖެހި، ކިނބި އަޅައި ނުވަތަ އެ ނޫން ވެސް ކޮވިޑްގެ އެއްވެސް އަލާމާތެއް ކަމަށް ޝައްކުވާ ފަދަ ކަމެއް ވިޔަސް، މަސައްކަތުގެ މާހައުލަށާއި އާއްމު ތަންތަނަށް ނުކުމެ އުޅުން ވަގުތުން ހުއްޓައިލުމަށެވެ.

އަލާމާތްތަކަށް ވިސްނާލާ

ކޮވިޑް-19 އަށް ވަކި ހާއްސަ ބޭހެއް، ފަރުވާއެއް އަދި ނެތެވެ. އެބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ކުރާ ކަމަކީ އެމީހުންގެ ގައިން ފެންނަ ވަކިވަކި އަލާމާތްތަކަށް ފަރުވާ ކުރުމެވެ. މިސާލަކަށް، މި ވައިރަސް ހަށިގަނޑުގައި ހުރުމުގެ ސަބަބުން ހުން އަންނަ ނަމަ، ހުން ތިރިކުރާށެވެ. އެކަމުގައި ހޮސްޕިޓަލްތަކާއި ކޮވިޑަށް ފަރުވާކުރާ ހާއްސަ ފެސިލިޓީތަކުގައި ވެސް ކުރާ ކަމަކީ އެހެން ބައްޔެއްގެ ސަބަބުން ހުން އައުމުން ވެސް ކުރާނެ ކަންތައްތަކެވެ.

ކަރުތެރޭ ދަވަހެދި، ނޭވާލާން އުނދަގޫ ނަމަ އެކަމަށް ވެސް ފަރުވާކުރާނީ ހަމަ އެހެން ބައްޔެއްގެ ސަބަބުން ވެސް އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އަމަލުކުރާނެ ގޮތަށެވެ. ކޮވިޑަށް ޕޮޒިޓިވް ވުމުން އެބަލީގެ އަލާމާތްތަކަށް ސަމާލުވާން ޖެހެނީ އެހެންވެއެވެ. އެއީ އެފަދަ އަލާމާތެއް ކޮމްޕްލިކޭޓްވެ، ސީރިއަސް ހާލަތަކަށް ދިޔަ ނުދިނުމަށްޓަކައެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ލަފާދޭ ގޮތުގައި، ކޮވިޑަށް މިހާތަނަށް ފާހަގަވެފައިވާ އަލާމާތަކުގެ ތެރެއިން ވަކި ހާއްސަ އަލާމާތްތަކެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަން ޖެހޭނެއެވެ. އެގޮތުން، ސީޑީސީން ފާހަގަކޮށްފައިވާ އަލާމާތްތަކުގެ ތެރޭގައި:

• ނޭވާލާން އުނދަގޫވުން
• މޭގައި ނުފިލާ ރިހުމެއް ނުވަތަ ޕްރެޝަރެއް ހުރުން
• ވާނުވާ ނޭނގޭ ގޮތްވުން (ކޮންފިއުޝަން)
• ހޭލަން ނުވަތަ ހޭލާ ހުންނަން އުނދަގޫވުން
• ތުންފަތް ނުވަތަ މޫނު ނޫފައިގަތުން

ސީޑީސީގެ އިރުޝާދުގައި ބުނެފައިވާ ގޮތުގައި، ކޮވިޑްގެ ސަބަބުން މިނޫން ވެސް އެތައް އަލާމާތްތަކެއް ފެނިދާނެއެވެ. ފަރުދީ ގޮތުން އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ، އެ އަލާމާތްތައް ފެނުމުން ވެސް ސިއްހީ އެހީތެރިކަން ލިބިގަތުމެވެ.
ހޯމް ކަރަންޓީނަށް ދިޔައިރު މުހައްމަދަށް މި މައުލޫމާތު އޮތީ ލިބިފަ އެވެ. އެހެންވެ، އޭނާ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދިނެވެ. އޭނާގެ އަމިއްލަ ހަށިގަނޑުން ފެނުނު އަލާމާތްތަކުގެ އިތުރުން، އާއިލާގެ މެމްބަރުންގެ ފަރާތުން ފެނުނު އަލާމާތްތަކަށް ވެސް ފަރުވާތެރިވެ ފާރަވެރިވި އެވެ. ރަށުގެ ހެލްތު ސެންޓަރުން އޭނާގެ ހާލު ބަލަން ގުޅާ ކޮންމެ ދުވަހަކު ވެސް ވަރަށް ތަފްސީލުކޮށް ހާލަތު ކިޔައިދިނެވެ.

"ފުރަތަމަ ފެނުނު އަލާމާތަކީ ހުން ވައްތަރުވުން. އެހިސާބުން ހެލްތު ސެންޓަރަށް ގުޅާފައި ވަގުތުން އެވާހަކަ ބުނިން. އެހިސާބުން އެކަމަށް ބޭނުންވާ ބޭސް ހެލްތު ސެންޓަރުން ފޮނުވި،" މުހައްމަދު ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު އެބަލި ޖެހުމުން އަމަލުކުރާނެ ގޮތުގެ މާގިނަ އިރުޝާދުތަކެއް ނުދެއެވެ. އެއީ، އޭރު ބަލިވާ އެންމެން ވެސް ފެސިލިޓީތަކަށް ގެންދާތީ އެވެ. އެ ހާލަތުގައި އެމީހުންނަށް ދޭންޖެހޭ ފަރުވާ އާއި އިރުޝާދު ދިނުމަށް ސިއްހީ ހިދުމަތްތެރިން ތިބޭތީ އެވެ. އެކަމަކު ރަށްރަށަށް ފުރަބަންދު ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށި ހިސާބުން، ކޮވިޑް ބަލިމީހުން އަމިއްލައަށް ކަންތައްތައް ކުރަންވީ ގޮތުގެ އިރުޝާދު ވަރަށް މުހިއްމެވެ.

މުހައްމަދަކީ، އެހެން މީހުންނަށް ނަމޫނާއެކެވެ. އޭނާ ކަންތައް ކުރި ގޮތް ރަނގަޅެވެ. ތިމާ ބަލިވިޔަސް، އެހެން މީހުން އެކަމުން ރައްކާތެރިކުރެވޭނީ، އެކަމަށް ހާއްސަ ފިޔަވަޅުތައް އަޅައިގެންނެވެ. ބަލިމަޑުކަމެއްގައި އެގޮތަށް އަމަލްކުރުން އަދި މާ ބޮޑަށް ވެސް މުހިންމެވެ.