Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

އެމްއެމްޕީއާރްސީ މައްސަލަ ބެލުމުގައި ސަރުކާރުގައި އިހުލާސްތެރިކަން އެބައޮތް

އަހްމަދު އަދީބު --

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމުގައި ސަރުކާރުގެ ނިޔަތް އިންސާފުވެރި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ހުންނެވީ ބަންދުގައެވެ.

އެގޮތުން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭނާ އަށް ދެވުނު ހުރިހާ އެއްބާރުލުމެއް ދެމުންދާ ކަމަށާއި އެކަން ދައުލަތަށް ވެސް އިނގޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ސޯލިހުގެ މި ސަރުކާރުގައި އެބައޮތް އެ އިހުލާސްތެރިކަމާއި ގާބިލުކަން މި މައްސަލަ ބަލާ ނިންމަން އިންސާފުވެރިކަމާ އެކުގައި. އެހެންވެ އެއްބާރުލުން ދެމުން މިދަނީ" އަދީބު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އަކީ އަނބުރާ ހޯދަންޖެހޭ އަދި ހޯދޭނެ ފައިސާއެއް ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފައެވެ. މިކަމުގައި އިންސާފު ގާއިމުކުރަންޖެހޭ ކަމަށާއި އެ ފައިސާ އިން މަންފާވި އެތައް ބަޔަކު އެބަތިބި ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

"އެހެންކަމުން އެ ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ. އަޅުގަނޑު ވެސް މިދަނީ ދެވުނު އެއްބާރުލުމެއް ދެމުން. އެކަމުގައި އެއްބާރުލުން ކުރިއަށް އޮތް ތަނުގައި ދެމުންދާނެކަން ފާހަގަކޮށްލަން" އަދީބު ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމަކީ މި މައްސަލައިގައި ބޭއްވި އެންމެ ފަހު އަޑުއެހުން ކަމަށްވާއިރު ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުމެވެ. މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ހުކުމް ކުރަން ބާއްވާ ޝަރީއަތުގެ އަޑުއެހުން އޮންނާނެ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.