Last Updated: April 24, 10:23
Wednesday, April 24, 2024
ވިޔަފާރި

ބީއެމްއެލް ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭނެ އަދަދު ދަށްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދު ދަށްކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ މިއަދުން ފެށިގެން ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުންކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

"ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަށްވެސް މަޖުބޫރު އެހެނަސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް މިވަނީ އަޅަންޖެހިފައި" ބީއެމްއެލް އިން ބުންޏެވެ.

ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން މި ގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް ވަނީ އެދިފައެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލާ ގުޅިގެން ބޭންކުގެ %95 ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެ ކަމަށާއި އަދި މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ވަގުތީ ފިޔަވަޅެއް ކަމަށެވެ. އަދި ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާތަނަށް ރާއްޖޭގެ އިތުރުން ދުނިޔެވެސް ނުދެކޭފަދަ އިގްތިސާދީ އަދި އިޖްތިމާއީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ޑޮލަރ ލިކިއުޑިޓީ އަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމަށްވާއިރު، ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ފަންޑިންގ ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.