Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ބޭލް ގެނައުމުގެ މަސައްކަތް ޓޮޓެންހަމް އިން ފަށައިފި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގެރެތް ބޭލް ގެނައުމުގެ މަސައްކަތް ޓޮޓެންހަމް އިން ފަށައިފިއެވެ.

ބޭލް 2013 ވަނަ އަހަރު ރެއާލް އަށް ބަދަލުވީ ޓޮޓެންހަމް އިން 85 މިލިއަން ޕައުންޑްގެ އަގަކަށެވެ. ރެއާލް އަށް 100 އަށް ވުރެ ގިނަ ގޯލު ބޭލް ކާމިޔާބުކޮށްދީފައިވާއިރު، ފާއިތުވި ސީޒަންތަކުގައި އޭނާ އަށް ވަނީ އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން މަދުވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 31 އަހަރުގެ ބޭލް ގެންނަން ޓޮޓެންހަމް އިން މަސައްކަތް ކުރަނީ ލޯނެއްގެ ދަށުންނެވެ. އެގޮތުން މިކަމުގެ މަޝްވަރާތައް ބޭލްގެ އެޖެންޓުންނާއެކު ޓޮޓެންހަމް އިން މިހާރު ފަށާފައިވާއިރު، ރެއާލްއާއެކު އަދި މިކަމުގެ އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ.

ބޭލްގެ އިތުރުން ޓޮޓެންހަމް އިން އަންނަނީ ރެއާލްގެ ޒުވާން ޑިފެންޑަރު ސާޖިއޯ ރެގިއުލޮން ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އުމުރުން 23 އަހަރުގެ ރެގިއުލޮން ވިއްކާލަން ރެއާލް އިން ބޭނުންވަނީ ބައިބެކް ކްލޯސްއަކާ އެކުގައި ކަމަށްވާއިރު އޭނާ ގެންނަން މެންޗެސްޓަރ ޔުނައިޓެޑުން ވެސް މަސައްކަތްކޮށްފައިވެއެވެ.

ނަމަވެސް ރެގިއުލޮންގެ ކޮންޓްރެކްޓުގައި ބައިބެކް ކްލޯސް އެއް ހިމަނަން ޔުނައިޓެޑުން ދެކޮޅު ހެދި ނަމަވެސް އެކަމަށް ޓޮޓެންހަމް އިން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ދެ ކްލަބާއި އަދި ކުޅުންތެރިޔާއާއެކު ޓޮޓެންހަމް އިން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޭލް އާއި ރެގިއުލޮން ގެނައުމުގެ މަސައްކަތް ޓޮޓެންހަމް އިން ފަށާފައިވާއިރު، ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމް ވަނީ 1-0 އިން އެވަޓަން އަތުން ބަލިވެފައެވެ.