Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ޓޫރިޒަމް އަލުން ފަށާއި ގަން އެއާޕޯޓު ބޭނުން ކުރަން މަޝްވަރާ އެބަކުރެވޭ: ޑރ. މައުސޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް، ފޮޓޯ: އަވަސް

ކޮވިޑު-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެެރިކަން އަލުން ފަށައިގަތުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޭނުން ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

"އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މައުސޫމް ވިދާޅުވީ ކޮވިޑު-19ގެ ކަންތަކާއި އެކު އައްޑޫގައި ހިންގަމުން އައި ޝަންގްރިއްލާ އަދި ކެނެރީފު ބަންދު ކުރުމާއި ގުޅިގެން އައްޑޫގެ ގިނަ ބަޔަކަށް ވަޒީފާގެއްލި ހިތް ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ފަތުރުވެރިން ރާއްޖެ ގެނައުމަށް ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓު ބޭނުން ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މައުސޫމް ވިދާޅުވީ މާލެ ސަރަހައްދުގައި ބަލި ފެތުރެމުން އަންނަ އިރު ރަށްތަކަށް ރައްކާތެރިކަމާއި އެކު ފަތުރުވެރިން ގެންދިއުމަށް ވިސްނަމުން އަންނަ ކަމަށެވެ. އެގޮތުން މަޝަވަރާތަކުގައި ދެކުނުގެ ސަރަހައްދަށް ފަތުރުވެރިން ގެނައުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޭނުން ކުރެވުމަށް ވިސްނުން އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ސަމާލުކަމެއްދޭނެ އެއްް ސަރަހައްދު، އައްޑޫ ސިޓީ އަކީ، އައްޑޫ ސިޓީގެ ޓޫރިޒަމް ފުޅާ ކުރުގެ ޕްލޭން އަޅުގަނޑު ބަލައިފިން، އެޕްލޭން ހަގީގަތަކަށް ހެދުން، އެކަމަށްޓަކައި، މިހާރުވެސް ފަށައިގަންނަން މި މަސައްކަތް ކުރަނީ، ގެސްޓު ހައުސް ތަކާއި އެކު މިވަގުތު އައްޑޫގައި 700 އެއްާ ބެޑު އެބަހުރި، އެ އަދަދު އިތުރު ކުރެވިގެންދާނެ" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ފަތުރުވެރިން އަލުން ރާއްޖެ ގެނައުމަށް އިޓަލީ އަދި ޗައިނާގެ ފަރާތްތަކާއި އެކުވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އަދި ސިންގަޕޫރާއި އެހެނިހެން ގައުމުތަކާއި އެކު އެކްޓިވްކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.