Last Updated: April 26, 10:52
Friday, April 26, 2024
ވިޔަފާރި

ދަރިވަރުންނާއި ބޭސް ފަރުވާއަށްދާ މީހުންގެ ކާޑު ލިމިޓް އިތުރުކޮށްދޭނަން: ބީއެމްއެލް

ބީއެމްއެލްގެ ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ގައުމީ ބޭންކު ބޭންކު އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ މިފަދަ ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވޭނެކަމަށެވެ.

އެގޮތުން އިންޓަނެޓް ބޭންކިންގެ ސާވިސް ޓައިޕް މެނޫގައި ހިމެނޭ ' ޓެމްޕޮރަރީ ކާޑް ލިމިޓް' ހިޔާރުކުރުމަށްފަހު ވީސާގެ ކޮޕީއަކާއެކު ބޭންކަށް ހުށަހަޅުމުން 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށްފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެކަމަށެވެ.

އަދި ކުރިއެކޭ އެއްގޮތަށް ކޮލެޖް، ޔުނިވަރސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެ ކަމަށް ބީއެމްއެލް ބުންޏެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް މިހާރެކޭ އެއްގޮތަށް ކޮންމެ މީހަކަށް 500 ޑޮލަރު ގަނެވޭނެއެވެ. އަލަށް އަދަދުތައް ކަނޑައެޅިފައިވާއިރު ޑޮލަރ ޕޯރޓަލް އިން ގަންނަ ޑޮލަރުގެ އަދަދަށް ބަދަލެއް ނާދެއެވެ.
މިހާރެކޭ އެއްގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮަލަރު ނެގޭނެއެވެ. އަލަށް އަދަދުތައް ކަނޑައެޅިފައިވާއިރު ޑޮލަރު އެޓީއެމް އިން ނެގޭ ފައިސާގެ އަދަދަށް ބަދަލެއް ނާންނަ ކަމަށް ބޭންކުން ބުންޏެވެ.

ނަމަވެސް ބޭންކުން ވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދު ދަށްކޮށްފައެވެ.