Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބެން އޮތީ ބަރުލަމާނީ ނިޒާމުގެ ތެރެއިން

ރައީސް ސޯލިހާއި، ރައީސް ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ހަބަރު ސިޓީގެ މިއަދު ނެރުނު އަދަދުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އެހެން ނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ" ނަޝީދު ވިދާޅުވިއެވެ.

މި ލިޔުއްވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރުކުރުމާ ގުޅޭގޮތުން ވެސް އަލި އަޅުވާލާފައިވާއިރު ނަޝީދު އަންނަނީ ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވަމުންނެވެ. މި ލިޔުއްވުމުގައި ނަޝީދު ވަނީ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމާ ގުޅުންހުރި ވާހަކައެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

އަދި އެމަނިކުފާނު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ ދަންނަވާނެ ކަމަށާއި މިހާރުވެސް ކުރަން ހުރި ކަންކަން މަދު ނޫންކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ މީހާއަށް ދިމާވެފައިވާ މައްސަލަތައް ވެސް ގިނަ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން އެމްޑީޕީ އަށް ކާމިޔާބު ވާނީ އަމާޒު ނުގެއްލި ކުރިއަށް ދިޔުމުން ކަމަށާއި އެމްޑީޕީގެ ބޭނުމަކީ ކޮންމެ މީހެއްގެ ޖީބަށް ވެސް ވަންނަވަރު އިތުރުކޮށް، ކޮންމެ ދިވެއްސަކަށް ވެސް ހަމަ އިސްކޮޅަށް ދެމިލެވޭ ގޮތް ހެދުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ތަރައްގީ އަކީ ވެސް އެމަގުން ލިބޭނެ އެއްޗެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.