Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ކޮވިޑް ހަރަދުތައް އޮޑިޓް ކުރަން ފާސްކުރީ ވައްކަން ކުރާ މީހުން ހޯދަން

ކޮވިޑް ހަރަދުތައް އޮޑިޓް ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވައްކަން ކުރާ މީހުން ހޯދަން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ކޮވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާއި އާސަންދައާއި އެންސްޕާގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އޮޑިޓް ރިޕޯޓްތަކުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން ހުށަހަޅައިގެން، އެމްޑީޕީގެ 65 މެންބަރުންގެ މެޖޯރިޓީ އޮތް މަޖިލީހަކުން ކޮވިޑުގެ ހަރަދުތައް ފާސްކުރީ ވައްކަން ކުރާ މީހުން ހޯދުމަށެވެ.

"މިއީ ޕީޕީއެމްއާއި ޕީއެންސީ އިން ބުނެގެން ކުރި އޮޑިޓެއް ނޫން. އެމްޑީޕީ ވައްކަން ކުރަން ބޭނުން ނަމަ އެ ގޮތަށް ފާހެއް ނުކުރާނެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައްކަމާ ދެކޮޅު، އޮޑިޓަ ޖެނެރަލް މިއަދު މިނިވަން" ރޮޒެއިނާ ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހާތަނަށް ނެރުނު އޮޑިޓް ރިޕޯޓުތަކުގެ ތެރެއިން ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީން ބަލަމުން އަންނައިރު، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީ އާއި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިހާތަނަށް ކޮވިޑާއި ގުޅިގެން ނެރުނު ގިނަ އޮޑިޓު ރިޕޯޓުތަކެއްގައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފު، ކޮރަޕްޝަން ކަމަށް ބެލެވޭ އެތައް ކަމެއް ފާހަގަކޮށްފައެވެ.