Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ރައީސްގެ ފައިންޕުޅު ދެކެފިން، އައްޑޫގެ ތަރައްގީ ޔަގީންކޮށްދެއްވި: އަހުމަދު

އައްޑޫ ސިޓީގެ ތަރައްގީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔަގީންކޮށްދެއްވާފައިވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދު ރަޝީދު މިހެން ވިދާޅުވީ މުލިއާގޭގައި ރައީސް ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އަހުމަދު ވަނީ މި ބައްދަލުވުމުގައި އާސަންދައިގެ ހިދުމަތް އައްޑޫން ލިބި، ހިތަދޫގެ ނަރުދަމާގެ މަސައްކަތް ފެށި، ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުޅާ ކުރެވި ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި ކަމަށް ވިދާޅުވެފައެވެ.

އައްޑޫގެ ތަރައްގީ ރައީސް ސޯލިހު ޔަގީންކޮށްދެއްވިއިރު، އައްޑޫގެ 25 ކިލޯ މީޓަރުގެ މަގު ހެދުމުގެ ޕްރޮޖެކްޓު މިއަހަރުތެރޭ ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އަދި އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ކުންފުންޏާއެވެ.

އައްޑޫގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏާއެވެ.

މި މަޝްރޫޢުގެ ދަށުން ހިތަދޫއިން 90 ހެކްޓަރު، މަރަދޫ އަދި މަރަދޫފޭދޫން 75 ހެކްޓަރު، ހުޅުމީދޫން 38 ހެކްޓަރު އަދި ރިޒޯޓް ތަރައްޤީކުރުމަށް އިތުރު 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އަދި އެ ދެކުންފުންޏާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ އިންޑިޔާ ސަރުކާރުން ފަހިކޮށްދީފައިވާ 800 މިލިޔަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ދެ ޕްރޮޖެކްޓަކީ އައްޑޫ ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ އައްޑޫ ވިޝަންގެ ތެރޭގައި ހިމެނޭ ދެ ޕްރޮޖެކްޓެވެ.