Last Updated: July 7, 06:23
Monday, July 7, 2025
ޚަބަރު

ރައްޔިތުން ބަދިގެ ތެރެއަށް ވެއްދުމަށްފަހު، ވެރިން ވަނީ ތިޖޫރި ތެރެއަށް

ރައްޔިތުން ބަދިގެ ތެރެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރި ތެރެއަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާއި އާސަންދައާއި އެންސްޕާގެ އިތުރުން އިއްޔެ ނެރުނު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ބަނޑަށްޖެހި ދެކޮޅުނުޖެހިގެން އުޅޭއިރު ވެރިން ތިބީ އެންއީއޯސީ ތެރޭގައި ބަައިއަޅަން ކަމަށެވެ. އަދި ރައްޔިތުން ބަދިގެތެރެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރި ތެރެއަށް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"ތަރައްޤީ ވަޒަންކުރަނީ ވަޒީރުންގެ ދަތުރުތަކުންބާ؟ އެމްޑީޕީއަށް ތަރައްޤީ މި ކުރެވުނީ ހުސް ކޮރަޕްޝަން ނޫންތޯ؟" ޖަމީލު ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހާތަނަށް ނެރުނު އޮޑިޓް ރިޕޯޓުތަކުގެ ތެރެއިން ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީން ބަލަމުން އަންނައިރު، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީ އާއި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިހާތަނަށް ކޮވިޑާއި ގުޅިގެން ނެރުނު ގިނަ އޮޑިޓު ރިޕޯޓުތަކެއްގައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފު، ކޮރަޕްޝަން ކަމަށް ބެލެވޭ އެތައް ކަމެއް ފާހަގަކޮށްފައެވެ.