Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މަރަދޫ އާއި މަރަދޫފޭދޫގައި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިމެނީ

އައްޑޫ ސިޓީ މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށްފަހު އެމްޓީސީސީން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ މަރަދޫ އަދި މަރަދޫފޭދޫގެ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތްވަނީ
އެއްކޮށް މިހާރު ނިމފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފޭދޫގެ ސީއައުޓްފޯލްގެ ރެކްޓިފިކޭޝަން މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން މަރަދޫފޭދޫ އަދި މަރަދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަން ލިމިޓަޑާއި ހަވާލު ކުރުމުގެ ކުރިން، އެދެ ރަށުގެ ޕަމްޕިންގ ސްޓޭޝަން، ޕެނަލް ބޯޑްސް އަދި ޓްރާންސްފަރ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ކޮންސަލްޓެންޓުންގެ ޓީމުން
ބަލައި ފާސްކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި މި ދެ ރަށުގައި 10،289 މީޓަރުގެ ހޮޅި ވަޅުލައި، ސ. މަރަދޫގެ ޓްރާންސްފަރ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓްފޯލްއެއް ޤާއިމުކޮށްފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން، އެމްޓީސީސީގެ ޕްރޮޖެކްޓްސް ޓީމުގެ ފަރާތުން ފެނަކައިގެ މުވައްޒަފުންނަށް ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތަމްރީނުކުރުމުގެ ސެޝަންތަކެއް ވެސް ވަނީ ބާއްވާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުއަކީ 124،189،253.62 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު އެއްކޮން ނިންމާލުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ.