Last Updated: July 7, 06:23
Monday, July 7, 2025
ދުނިޔެ

ސައުދީން ވެސް އިސްރޭލާ ގުޅުން ގާއިމުކުރާނެ ކަމަށް ބެލެވޭ: ޓްރަމްޕް

ސައުދީ އަރަބިއްޔާ އިން ވެސް އިސްރޭލާ ގުޅުން ގާއިމުކުރާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިމިވަނީ މެދުއިރުމަތީގެ އަރަބި ބައެއް ގައުމުތަކުން އިސްރޭލާއާއެކު ގުޅުން ގާއިމުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބަހްރެއިން އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ އިސްރޭލާއާއެކު ގުޅުން ގާއިމުކުރަން ނިންމައި އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައެވެ.

ޔޫއޭއީ އަދި ބަހްރެއިނުން ވެސް އިސްރާއީލާ ގުޅުން ގާއިމުކޮށްފައިމިވަނީ އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ. އެގޮތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން ވެސް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ވައިޓްހައުސްގައެވެ.

ވައިޓްހައުސްގައި ބޭއްވި އެ ރަސްމިއްޔާތަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދީން އިސްރޭލާ ގުޅުން ގާއިމުކުރާނެތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ އެކަން އެގޮތަށް ވާނެ ކަމަށް ބެލެވޭ ކަމަށާއި ސައުދީގެ ރަސްގެފާނާއި ވާހަކަދައްކާފައިވާ ކަމަށެވެ.

އަދި ރަނގަޅު ވަގުތެއްގައި ސައުދީން އެކަން ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި އިތުރު ގައުމުތަކަކުން އިސްރޭލާއާއެކު ވަރަށް އަވަހަށް ގުޅުންތައް ގާއިމުކުރާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްކަން ވިދާޅެއް ނުވެއެވެ.

"ވަރަށް ގިނަ ގައުމުތަކުން އަދި މިކަމުގައި ބައިވެރިވާނެ. އޭގެތެރޭގައި ބޮޑެތި ގައުމުތައް ވެސް ހިމެނޭ" ޓްރަމްޕް ވިދާޅުވިއެވެ.

1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން އެގައުމާއެކު މިހާތަނަށް މެދުއިރުމަތީގެ އަރަބި ހަތަރު ގައުމަކުން ވަނީ ގުޅުން ގާއިމުކޮށްފައެވެ. އެގޮތުން ޔޫއޭއީ އާއި ބަހްރެއިންގެ އިތުރުން މިސްރާއި ޖޯޑަން އިން ވެސް ވަނީ މީގެކުރިން މިފަދަ އެއްބަސްވުންތައް އެކުލަވާލާފައެވެ.

އަރަބި އިތުރު ގައުމުތަކުން ވެސް މިފަދަ ނިންމުންތައް ނިންމުމަށް އެމެރިކާ މަސައްކަތް ކުރަމުން އަންނައިރު މިކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕްގެ ފިރިކަލުން ޖެރާޑް ކުޝްނާއެވެ.