Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ޒަކަރިއްޔާގެ އާއިލާ އަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ކޮވިޑް-19 ގައި ހާލު ސީރިއަސްވެ އައިޖީއެމްއެޗުގަ ފަރުވާދެމުންދަނިކޮށް އަވަހާރަވި ރ.އަތޮޅުގެ ކުރީގެ މަޖިލިސް މެމްބަރު އިސްމާޢީލް ޒަކަރިއްޔާގެ ޢާއިލާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިސްމާޢީލް ޒަކަރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމަށް ރައީސް ފޮނުއްވި ތަޢުޒިޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ފާޠިމަތު އިބްރާހީމަށާއި، އިސްމާޢީލް ޒަކަރިއްޔާގެ ބޭފުޅުންނަށާއި، ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

އަދި އިސްމާޢީލް ޒަކަރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެންބަރުކަން ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެއް ކަމާއި، ސަރުކާރަށްވެސް ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއްކަމާއި، ޚާއްޞަކޮށް، މިނިސްޓްރީ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގަޔާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަންގެ އެކި މަޤާމުތަކުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތައް އެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

އިސްމާޢީލް ޒަކަރިއްޔާ ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަންގެ މެއިންޓެނަންސް ކޯޑިނޭޓަރ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމާއި، ޑިރެކްޓަރ ކަމުގެ މަޤާމު ހިމެނެއެވެ.

އިސްމާޢީލް ޒަކަރިއްޔާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު މިދިޔަ ހޯމަ ދުވަހުއެވެ. އަވަހާރަވިއިރު ޢުމުރަކީ 79 އަހަރެވެ.