Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޕީޖީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެވޭ ފަރާތްތަކަށް، ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ތަޢައްސުބުން އެއްކިބާވެހުރެ މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެއެވެ.

މިގޮތުން މި ބިލުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، މަޞްލަޙަތު ފުށުއަރާ ވިޔަފާރި ނުކުރުމާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމާއި، ސިޔާސަތުތައް އެކަށައެޅުމާއި، ސުލޫކީ ހަމަތަކާއި ޚިލާފުވުން ފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މާލީ ހިސާބު ހުށަހެޅުމާއި ސުލޫކީ ހަމަތަކާއި މުވައްޒަފުން ޚިލާފުވުމުން ޢަމަލުކުރާނެ ގޮތުގެ ތަފްޞީލު ވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް ސޯލިހު މި ބިލު ތަޞްދީޤު ކުރެއްވުމާއި ގުޅިގެން، މި ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.