Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

އަގު ބޮޑުކޮށް ތަކެތި ގަތް މައްސަލާގައި ފައިސާ ހޯދައިފިން: އެންޑީއެމްއޭ

ކޮވިޑާއި ގުޅިގެން ގާއިމުކުރި ކަރަންޓީނު ފެސިލިޓީތަކާއި ހާލުގައި ޖެހުނު މީހުންނަށް އަގުބޮޑުކޮށް ކާބޯތަކެތި ފޯރުކޮށްދިން މައްސަލަ ސަމާލު ކަމަށް އައިސް ފައިސާ ހޯދާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޮރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ކޮވިޑާއި ގުޅިގެން އެންޑީއެމްއޭ އިން ކުރި ހަރަދުތަކާ ގުޅޭ އޮޑިޓު ރިޕޯޓު އިއްޔެ ނެރުނުއިރު އެ ރިޕޯޓުގައިވާ ގޮތުން ކަރަންޓީނު ފެސިލިޓީތަކަށް ފޯރުކޮށްދިނުމަށް އެންޑީއެމްއޭ އިން ކާބޯތަކެތި ގަނެފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށް ވުރެ ބޮޑު އަގުގައެވެ.

އެގޮތުން އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައިވަނީ، އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 23،457 ރުފިޔާ އަގުބޮޑުކޮށް ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުގައިވާ ކަންކަން ސާފުކޮށްދިނުމަށް މިއަދު އެންޑީއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އޮޑިޓު ރިޕޯޓުގައި އަގު ކޮންޓްރޯލްކޮށްގެން ވިއްކާ ތަކެތީގެ ތެރެއިން ބޮޑު އަގުގައި ތަކެތި ގަނެ ފެސިލިޓީތަކަށް ފޯރުކޮށްދިން ކަމަށް ބުނެ 23،000 ރުފިޔާގެ މައްސަލައެއް ފާހަގަކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޮޑިޓު ރިޕޯޓުގައިވާ އަދަދު ނުބައި ކަމަށާއި އެގޮތުން އުޅެނީ 28،000 ރުފިޔާގެ މައްސަލައެއް ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އޮޑިޓް ރިޕޯޓު ނެރުމުގެ މާކުރިން އެކަން ސަމާލު ކަމަށް އައުމުން އެ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

"އެހެންވީމަ މިއީ އޮޑިޓު ރިޕޯޓުގައި އޮންނަން ޖެހޭ ވާހަކައެއް ވެސް ނޫން. އޮޑިޓު ރިޕޯޓުގައި މިކަން ފާހަގަކޮށްފައި މިވަނީ މިކަން ބަލަންވާ ވަރަށް ރަނގަޅަށް ނުބެލި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށްކަން ހިތާމަޔާއެކު ފާހަގަކޮށްލަން" ހިސާން ވިދާޅުވިއެވެ.

އަދި މި ފައިސާ ހޯދުމަށްފަހު ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދެމުން ދިޔައީ މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތަށް އެއަށް ވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށްވެސް ހިސާން ވިދާޅުވިއެވެ.