Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ޔައުގޫބުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނެކަމުގެ އިންޒާރު!

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދާނެ ކަމުގެ އިންޒާރު ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ދެއްވައިފިއެވެ.

ޔައުގޫބުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިމިވަނީ ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސުމާއި ގުޅިގެންނެވެ.

ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުރެ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. ގާނޫނީ ވަކީލުން މިކަން ފާހަގަކުރަން ފެށުމާއެކު ޔައުގޫބު ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގާނޫނާއި ހިލާފަށް ކަންތައްތައް ކުރަމުންދާތަން މަޖިލީހުގެ ރައީސަށް ވެސް ފެނިވަޑައިގަންނަވާނެ ކަމަށާއި ޔައުގޫބު ޗާޓަޑް އެކައުންޓެންޓްސްގެ މެންބަރެއްގެ ގޮތުގައި ހިމެނުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ.

"އަމިއްލަފުޅަށް ހުވާކުރައްވާފައި އަދި އެކަންތައް އަނބުރާ ގެނަޔަސް އެކަން ނުުކުރާ ކަަމަކަށް ނުވާނެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިކަންތައްތައް ބައްލަވަން ޖެހޭނެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިކަމަށް ފިޔަވަޅު އަޅަން ޖެހޭނެ، ނޫނީ މިކަމުގައި ގާނޫނީ ގޮތުން ކުރައްވަންޖެހޭ ކަމެއް ކުރަންޖެހޭނެ ކަމަށް ދެކެނީ. މަޖިލީހުން ވަޑައިނުގެންފިއްޔާ އަޅުގަނޑުމެންގެ މި ޕާޓީން ސުޕްރީމް ކޯޓަށް މި މައްސަލަ ގެންދާނަން" ޝިޔާމް ވިދާޅުވިއެވެ.

މިކަހަލަ ކަންކަން ގައުމުގައި ހިނގަމުންދާއިރު ތިމާވެށީގެ އެމްބެސެޑަރުންނަށް ވެގެން މުޅި ދުނިޔޭގައި އެނބުރެމުން ދާން ނުޖެހޭ ކަމަށްވެސް ވިދާޅުވެ ޝިޔާމް ވަނީ ނަޝީދަށް ފާޑު ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ވައްދާނެ ކަމުގެ އިންޒާރު ޝިޔާމް ދެއްވިއިރު، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމް ވަނީ މިހާރު ނިންމާފައެވެ. އެގޮތުން އަންނަ ހަފްތާ ފެށޭ ހިސާބުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.