Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޔޫކޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ނަޝީދު ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސަރ ލިންޑްސީ ހޮއިލް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހާއި ބެހޭ ގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައެވެ. ނަޝީދުގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ.

އިނގިރޭސިވިލާތުގައި ނަޝީދު ހުންނެވިއިރު ދެވަނަ ދައުރުގެ މަސައްކަތް ނިންމުމަށްފަހު މަޖިލިސް މިވަގުތު އޮތީ އެއް މަސް ދުވަހުގެ ޗުއްޓީގައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.