Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

އުއްމީދަކީ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނޮވެމްބަރުގައި ހުޅުވުން

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އަންނަ ނޮވެމްބަރު މަހު ހުޅުވޭ ވަރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ނިންމާފައިވީ ނަމަވެސް، މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރޭ މިންވަރަށް ބަލައި އެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން އަދި ހުއްދަ ދީފައެއް ނުވެއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި އަދި ޓޫރިސްޓު ފެސިލިޓީތައް ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވޭ ވަރު ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ބޭނުންވަނީ ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ފަސް އިންސައްތައަށް ވުރެ އިތުރުނުވެ ވިދިވިދިގެން ދެހަފްތާ އަށް ހިފަހައްޓާލުން ކަމަށެވެ.

"އޭގެ މާނައަކީ ޓެސްޓު ކުރާ މީހުންގެ އަދަދުގެ ނިސްބަތުން ޕޮޒިޓިވްވާ މީހުންގެ އިންސައްތަ ފަހަކަށް ވުރެ ދަށްވުން" މައުސޫމް ވިދާޅުވިއެވެ.

އޮކްޓޫބަރު 15 ގައި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވާއިރު އެ ތަންތަން ބޭނުންކުރާނީ މިހާރު ވެސް ބޭނުންކުރަމުންދާ ގޮތަށް ޓްރާންސިޓް ހޮޓެލްތަކެއްގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އިއްޔެ އެކަނި ވެސް 99 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 92 މީހުންނަކީ މާލެ ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ.