Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

އަޅުގަނޑުގެ އަގު ވައްޓާލަން ފައްޔާޒެއް ނޫޅޭނެ: ނަޝީދު

އެމަނިކުފާނުގެ އަގު ވައްޓާލަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނޫޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ އަގު ވައްޓާލަން ފައްޔާޒު މިލިއަނުން ހަރަދު ކުރެއްވި ކަމަށް ތުހުމަތުކޮށް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފައި ކަމަށް ބުނެ "ރާއްޖެއެމްވީ" ގައި ޝާއިޢު ކުރި ހަބަރަކާ ގުޅިގެންނެވެ. ނަމަވެސް އެ ހަބަރު މިހާރު ވަނީ ޑިލީޓްކޮށްލާފައެވެ.

އެ ހަބަރާއި ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުންނާއި އިސް ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ވަޓްސްއެޕްގައި "ރަށްވެހި ފަތިސް ލަންކާ" ގެ ނަމުގައި ހަދާފައިވާ ގްރޫޕަށް ނަޝީދު ވަނީ މެސެޖެއް ފޮނުއްވާފައެވެ. އެގޮތުން އެ މެސެޖުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަގު ވައްޓާލަން ފައްޔާޒު ނޫޅުއްވާނެ ކަމަށާއި އެކަމުގައި އުޅޭނީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކަމަށެވެ.

"ފައްޔާޒެއް ނޫން ތިކަމާ އުޅޭނީ. ތިކަމާ އުޅޭނީ އަކްރަމް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނު އިސްވެ ހުންނަވައި ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ކުރަމުން އަންނައިރު އެ މައްސަލަތައް މިހާތަނަށް އާންމުންނާ ހަމައަށް ހިއްސާކޮށްފައެއް ނުވެއެވެ.

އެ ތުހުމަތުތައް ފައްޔާޒު ދޮގު ކުރައްވަމުން ގެންދަވާއިރު، ރައީސް ސޯލިހު ވަނީ ފައްޔާޒަށް ފުރިހަމަ އަށް އިތުބާރު ކުރައްވާ ކަމަށް ދާދިފަހުން ވިދާޅުވެފައެވެ. ފައްޔާޒަކީ އެމްޑީޕީގެ ސްލޮޓެއްގައި އިކޮނޮމިކް މިނިސްޓަރު ކަމަށް ވަޑައިގެންފައިވާ ބޭފުޅެކެވެ.

ރައީސް ސޯލިހު އާއި ނަޝީދުގެ ސަޕޯޓަރުންގެ މެދުގައި މި މައްސަލަ އާއި ގުޅިގެން އަންނަނީ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންނެވެ. އެހެންވެ އެކަމާއި ގުޅިގެން ޕާޓީ އަށާއި، ސަރުކާރަށް ހީނަރުކަން އަންނަކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.