Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މިއުޅެނީ 8000 ރުފިޔާ ބޮލަކަށް ނަގައިގެން ރިހާކުރުދިޔަ ބޯންދީގެނެއް ނޫން

ދަރުބާރުގޭގައި ހިންގި އެންއީއޯސީގެ ކެއުމަށް ހަތަރު މަސްތެރޭގައި 5.9 މިލިއަން ރުފިޔާ ހޭދަކުރި ކުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ދިފާއުކުރައްވައިފިއެވެ.

ކޮވިޑާއި ގުޅިގެން އެންޑީއެމްއޭ އިން ކުރި ހަރަދުތަކާ ގުޅޭ އޮޑިޓު ރިޕޯޓުގައިވާ ގޮތުން އެންއީއޯސީގެ ކެއުމަށް މަހެއްގެ މައްޗަށް 1،457،719 (އެއް މިލިއަން ހަތަރުލައްކަ ފަންސާސް ހަތްހާސް ހަތްސަތޭކަ ނަވާރަ) ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މިކަން ދިފާއުކުރައްވައި ރޮޒެއިނާ ވިދާޅުވީ 1700 މީހުން ދަރުބާރުގޭގައި މަސައްކަތް ކުރިއިރު އެތައް މަހެއް ވަންދެން އެތައް ސަތޭކަ މީހުންގެ ކެއުމަށް ތިވަރު ބޮޑު ނޫން ކަމަށެވެ. އަދި ދުވާލަކު ބޮލަކަށް ނަގާފައިވަނީ 160 ރުފިޔާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"މި އުޅެނީ 8000 ރުފިޔާ ނަގައިގެން ރިހާކުރު ބޯންދީގެނެއް ނޫން" ރޮޒެއިނާ ވިދާޅުވިއެވެ.

އަދ އެތައް މަހެއް ވަންދެން އަނބިދަރިންނާއި ދުރުގައި ހޭބޯ ނާރާ ދިވެހި ރައްޔިތުންގެ ހިދުމަތުގައި އެތައް މަސައްކަތެއް ކޮށްދިން ބަޔަކަށް ކާ އެތިކޮޅެއް ދީގެން އެކަމާ ކަންބޮޑުވެގެން ވާހަކަ ދައްކަން ލަދުގަންނަންޖެހޭ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އެގޮތުން ގިނަ މީހުން އެތަނުގައި މަސައްކަތް ކުރީ ވެސް ވޮލެންޓިއަރުންގެ ގޮތުގައި ކަމަށާއި އެމީހުން ކުރި މަސައްކަތުގެ އަގު ވަޒަން ނުކުރިތާ، ކާ އެއްޗެއް ކެއުމުން ވަގަށް ގޮވުން މީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުގައި މާލިއްޔަތު ގަވާއިދާ ހިލާފު އެތައް ކަމެއް ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން އެންޑީއެމްއޭ އިން ވަނީ އޮޑިޓް ރިޕޯޓު ނެރެފައިވަނީ ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ކަމަށާއި މި ރިޕޯޓަކީ ބަލަންޖެހޭ ކަންކަން ނުބަލައި ނެރެފައިވާ ރިޕޯޓެއް ކަމަށް ބުނެފައެވެ.