Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ރައީސް ނަޝީދަށް ގާސިމް މަރުހަބާ ވިދާޅުވެއްޖެ

ގާސިމް އާއި ރައީސް ނަޝީދު - ފޮޓޯ: ސަން

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާއަރަކަށްވުން ގާތް 48 ގައުމު ހިމެނޭ ގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ އެމްބެސެޑަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހަމަޖެއްސުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެއެވެ.

އެގޮތުން ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ނަޝީދު މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް މަޖިލީހުގެ އިދާރާ އިން ބުނެއެވެ.

ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ބައިވެރިވާ ބައިނަލްއަގުވާމީ ފޯރަމެކެވެ. މި ފޯރަމްގެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރު ރާއްޖޭގައެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކޮށް ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުތައް ތަންފީޒުކޮށް މެމްބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.