Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު

ހިތަދޫގެ ބީޗަށް ކިޔާނީ "ކަނބިހާ ބީޗު"

އައްޑޫ ކައުންސިލްގެ ބައްދަލުވުމެއް - ފޮޓޯ: އައްޑޫ ކައުންސިލް

އައްޑޫ ސިޓީ ހިތަދޫގައި ތައްޔާރު ކުރަމުންދާ ބީޗަށް "ކަނބިހާ ބީޗު" ކިޔުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

އިއްޔެ ބޭއްވި ކައުންސިލްގެ ޖަލްސާ އަށް ވަނީ ހިތަދޫ އަވަށު ރައްޔިތުން އިސްނަގައިގެން ހިތަދޫގެ ހޭޅިފަށް ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ ހުއްދަ ދިނުމާއި، ރައްޔިތުން ބަލަހައްޓަމުން ގެންދާ ބައެއް ސަރަހައްދުތަކަށް ނަން ދިނުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.

މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޖަމްޝީދާ މުހައްމަދު އެވެ.

ޖަމްޝީދާ ވިދާޅުވީ މި މައްސަލަ ހުށަހެޅުއްވި ސަބަބަކީ ހިތަދޫގެ ހޭޅިފަށް ސަރަހައްދުގައި ކުނި ގިނަވެ ހަޑިވަމުން ދިޔުމާ ގުޅިގެން ރައްޔިތުން އިސްނަގައިގެން ހިތަދޫގެ ހޭޅިފަށް ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާތީ މި ތަންތަން ސާފުކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.

އަދި ރައްޔިތުން ސާފުކޮށް ބަލަހައްޓަމުންދާ ސަރަހައްދުތަކަށް ރައްޔިތުން އެދޭ ގޮތަށް ނަން ދިނުމަށާއި، މިގޮތުން މިވަގުތު ހިތަދޫގައި ރައްޔިތުން ސާފުކޮށް ބަލަހައްޓަމުން ގެންދާ ސަރަހައްދު (އީކްއެޓަރ ކްއިޒިން ރެސްޓޯރެންޓްގެ އިރުމަތިން އޮތް ސަރަހައްދު) ވަކިކޮށް މި ސަރަހައްދަށް ކަނބިހާ ބީޗުގެ ނަމުން ނަން ދިނުމަށް ރައްޔިތުންގެ ގިނަ ބަޔަކު އެދެމުންދާތީ އެ ތަނަށް އެ ނަމުން ނަން ދިނުމަށް ފެންނަ ކަމަށް ހުށަހަޅައި މިކަމުގައި ކައުންސިލުން ގޮތެއް ނިންމައި ދިނުމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

މިމައްސަލައަށް ރިޔާސަތުން ވޯޓަށް އެހުމުން މި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުން ވަނީ މި ހުށަހެޅުން ފާސްކޮށްފައެވެ.