Last Updated: April 18, 11:00
Thursday, April 18, 2024
ކުޅިވަރު

30 މިލިއަން ޔޫރޯ އަށް ތިއާގޯ ލިވަޕޫލަށް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ލިވަޕޫލަށް ބަދަލުވުމާ ގާތަށް ގޮސްފިއެވެ.

އުމުރުން 29 އަހަރުގެ ތިއާގޯ ބަޔާން އާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށްފަހު ހަމަވާއިރު އޭނާ ވަނީ އެ ކްލަބާއެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރުން މަޑުޖައްސާލާފައެވެ. އެއާއެކު މި ޓްރާންސްފާ މާކެޓުގައި އޭނާ ބަޔާން ދޫކޮށްލާނެ ކަމަށް އޮތީ ވަރަށް ބޮޑަށް ބެލެވިފައެވެ.

އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ލިވަޕޫލް އިން ވަނީ މިދިޔަ ހޯމަ ދުވަހު ތިއާގޯގެ ޓްރާންސްފާއާ ގުޅޭގޮތުން ބަޔާންއާ މަޝްވަރާކުރަން ފަށާފައެވެ. އެގޮތުން 30 މިލިއަން ޔޫރޯގެ އަގަކަށް ތިއާގޯ ގެނައުމާ ގުޅޭގޮތުން ލިވަޕޫލާއި ބަޔާންއާ ދެމެދު މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ތިއާގޯ ލިވަޕޫލަށް ބަދަލުވާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ލިވަޕޫލް އިން ތިއާގޯ ގެނައުމާ ގާތަށް ޖެހިލާފައިވާއިރު، އޭނާ ގެނައުމަށް ޔޫރަޕްގެ އެހެން ބޮޑެތި ބައެއް ކްލަބުތަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

ތިއާގޯ އަކީ މިދިޔަ ސީޒަނުގައި ބަޔާން އަށް ތިން ތަށި ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ތިއާގޯ ވެގެންދާނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލަށް މި ޓްރާންސްފާ މާކެޓުގައި ގެންނަ ދެވަނަ ކުޅުންތެރިޔާ އަށެވެ. އެގޮތުން ލިވަޕޫލް އިން މީގެކުރިން ވަނީ ގްރީސްގެ ޒުވާން ޑިފެންޑަރު ކޮސްޓަސް ސިމިކާސް ގެނެސްފައެވެ.