Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ވައްކަމާ ދެކޮޅު ވައުދު ރަނުން ރަނަށް ދަނީ ފުއްދަމުން

ދާންދޫ ދާއިރާއިގެ މެމްބަރު ޔައުގޫބު އަބްދުﷲ - ފޮޓޯ: މަޖިލިސް

ވައްކަމާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންވި ވައުދު ރަނުން ރަނަށް ފުއްދަމުން ގެންދަވާ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބު މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާއި އާސަންދައާއި އެންސްޕާގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އޮޑިޓް ރިޕޯޓްތަކުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ޔައުގޫބު މިއަދު ވިދާޅުވީ އެމްޑީޕީން ވައުދުވީ ވައްކަމާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، ވައްކަމަށް ފުރުސަތު ނުދިނުމާއި، ވައްކަން ފަޅާ އަރުވާ، ވައްކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި ރައީސް ސޯލިހު ގެންދަވަނީ އެ ވައުދު ރަނުން ރަނަށް ފުއްދަވަމުން ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

"އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ތަކާއެކު އެ ބޭފުޅާ މަގާމުން ވަކި ނުކުރައްވާ" ޔައުގޫބު ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހާތަނަށް ނެރުނު އޮޑިޓް ރިޕޯޓުތަކުގެ ތެރެއިން ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީން ބަލަމުން އަންނައިރު، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީ އާއި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިހާތަނަށް ކޮވިޑާއި ގުޅިގެން ނެރުނު ގިނަ އޮޑިޓު ރިޕޯޓުތަކެއްގައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފު، ކޮރަޕްޝަން ކަމަށް ބެލެވޭ އެތައް ކަމެއް ފާހަގަކޮށްފައެވެ.