ބަލަމުންދާ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޝުއައިބު އަލީ އެއް ފަރާތް ކުރަން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޮމެޓީގެ ނައިބު މުޤައްރިރު ކަމުންނާއި ކޮމެޓީގެ މެމްބަރުކަމުން ޝުއައިބު އެއް ފަރާތްކޮށްފައިވާ ކަމަށެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމުގައެވެ.
އެ ކޮމިޓީން މިގޮތަށް ނިންމިއިރު މިފަހަކަށް އައިސް ޝުއައިބު ގެންދަވަނީ އެމްޑީޕީގެ އިސްވެރިންގެ ކާޓޫނު ކުރަހައި ސޯޝަލް މީޑިޔާގައި އެ ފަރާތްތަކަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ވަކިން ހާއްސަކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޝުއައިބު ގެންދަވަނީ ތަފާތު އެކި ތުހުމަތުތައް ވެސް ކުރައްވަމުންނެވެ.
ޝުއައިބު އަކީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ފަރާތެއް ކަމަށްވާއިރު، އޭނާ މިހާރު އުޅުއްވަމުން ގެންދަވަނީ ސްރީލަންކާގައެވެ.