Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

125 މީހެއްގެ ހަށިގަނޑުން ކޮވިޑް އެންޓިބޮޑީ ފެނިފައިވޭ: އޭޑީކޭ

ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 125 މީހެއްގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން، 3000 މީހެއްގެ އެންޓިބޮޑީ ޓެސްޓު ކުރުމަށް ނިންމިކަން އޭޑީކޭ އިން އިއުލާންކުރީ މިދިޔަ ޖުލައި މަހުއެވެ. އެންޓިބޮޑީ ޓެސްޓަކީ މީހަކަށް ކުރިން ބަލި ޖެހި، ރަނގަޅުވެފައި ވޭތޯ ދެނެގަތުމަށް ކުރާ ޓެސްޓެކެވެ.

އެގޮތުން ކޮވިޑް-19 އެންޓިބޮޑީ ޓެސްޓުތައް ކޮށްފައިވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެމީހުންގެ ގޭބީސީތަކުގެ މީހުންގެ އިތުރުން، ޑެލިވަރީގެ ހިދުމަތުގައި އުޅޭ މީހުންގެ އެެވެ. މި ޓެސްޓުތައް އޭޑީކޭ އިން ހަދާދީފައިވަނީ ހިލޭއެވެ.

ރޯޗް ކޯބާސް އެލެކްސިސް e411 އިމިއުނޯ އެނަލައިޒާ ބޭނުންކޮށްގެން ޖުމްލަ 3،004 މީހެއްގެ އެންޓިބޮޑީ ޓެސްޓު އޭޑީކޭ އިން ހަދާފައިވެއެވެ. އެގޮތުން 125 މީހެއްގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވާއިރު 2922 މީހުންގެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

އެންޓިބޮޑީ ޓެސްޓު ހެދި މީހުންގެ ތެރޭގައި 412 ސިއްހީ ހިދުމަތްތެރިން ހިމެނޭއިރު އޭގެތެރެއިން ހަތް ޕަސެންޓު މީހުން ވަނީ އެންޓިބޮޑީ ޓެސްޓަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޭޑީކޭ އިން ބުނެއެވެ. އަދި ކުންފުނިތަކުގައި މަސައްކަތް ކުރާ 1،257 މީހުންގެ އެންޓިބޮޑީ ޓެސްޓު ހެދި އިރު، އޭގެ ތެރެއިން ހަ ޕަސެންޓު މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

އޭޑީކޭ އިން ވަނީ މި ހޯދުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ. އަދި މިފަދަ އިތުރު ދިރާސާތައް ކުރުމުން ގައުމުގައި މި ބަލި އޮތް މިންވަރު ދެނެގަނެވޭނެ ކަމަށްވެސް އޭޑީކޭ އިން ބުނެއެވެ.