Last Updated: April 25, 20:04
Thursday, April 25, 2024
ރިޕޯޓް

ކަޅިބިއް ޑްރިންކްސް: އައްޑޫގެ ލިކުއިޑް ޝެފެއްގެ ހުނަރުވެރިކަން

ނޯޓް: ކޯވިޑް-19 ވަނީ އޭގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ އަށާއި ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައެވެ. ޤައުމުގެ އިޤްތިޞާދަށްވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާފައެވެ. ނަމަވެސް މި ދުވަސް ކޮޅުގެ ތެރޭގައި ރާއްޖޭގައި ވަނީ އެތައް ކުދި ވިޔަފާރިތަކެއް އަލަށް ފެށި، މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމާއި، އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ ރަނގަޅު އާދަތަކެއް އަލުން އިއާދަ ކުރުވާފައެވެ. މި ސީރީޒް އަކީ ރާއްޖޭގައި އަލަށް ފަށާ ކުދި ވިޔަފާރިތައް ކުރިއަރުވައި، ހިތްވަރު ދިނުމުގެ ގޮތުން ހަފްތާއަކު އެއް ފަހަރު ކުރިއަށް ގެންދެވޭ ސީރިޒް އެކެވެ.

އައްޑޫ ސިޓީ ފޭދޫގެ ހިއްކި ބިން ސަރަހައްދުގައި ހިންގަމުން ގެންދާ ކަޅިބިއް ޑްރިންކްސް އަކީ އައްޑޫ ގެ ގިނަ ބަޔަކަށް އާތަނަކަށް ނުވާނެއެވެ. އަދި އެތަން ހިންގުމުގެ ފަހަތުގައިވާ އަލީ ހަމްދާނާއި އޭނާ އާއި އެކު މަސައްކަތް ކުރާ ޓީމަކީވެސް އައްޑޫ ގެ ގިނަ ބަޔަކަށް މިހާރު ފަރިތަ މޫނުތަކެކެވެ

އަލީ ހަމްދާން އަކީ ކާކު؟

ސ. ފޭދޫ އަށް އުފަން، އެރަށު ގުޑް ހޯޕް، އަލީ ހަމްދާނަކީ ކޮންރެޑް މޯލްޑިވްސްގެ އެސިސްޓެންޓް ބަރ މެނޭޖަރުގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޒުވާނެކެވެ. އޭނާ އަކީ މިވަގުތު ރާއްޖޭގައި ހުރި ހަމަ އެކަނި ދިވެހި، ސަރޓިފައިޑް ލިކުއިޑް ޝެފެވެ. އަދި އޭނާ ވަނީ ތަފާތު އެކި ވައްތަރުގެ ބުއިންތައް ތައްޔާރު ކުރުމުގައި ރާއްޖެ، އަދި ރާއްޖެއިން ބޭރުގެ އެކި މުބާރާތްތަކުގައިވެސް ބައިވެރިވެ، ރާއްޖެއަށް ރަން ވަނަ ހޯދައިދީފައެވެ. އެގޮތުން، އޭނާ ވަނީ 2018 ވަނަ އަހަރު ހިލްޓަން ކޮލޮމްބޯގައި އޮތް، އެފް އެން ބީ މާސްޓަރސްގެ ސަރަހައްދީ މުބާރާތުގައި ލަންކާއާއި ވާދަކޮށް އެއްވަނަ ހާސިލު ކޮށްފައެވެ.

ކަޅިބިއް ޑްރިންކްސް އަކީ ކޮންތަނެއް؟

ކަޅިބިއް ޑްރިންކްސް އަކީ އައްޑޫ ސިޓީ ފޭދޫ ކައުޘަރު މިސްކިތް ދިމާލުން ފުށްޓަރު ފަރާތަށް (ކަޅިބިތައް) ވާގޮތަށް ހުންނަ، ތަފާތު ވައްތަރުގެ ބުއިން ވިއްކާ ތަނެކެވެ. ކަޅިބިއް ޑްރިންކްސް ގެ ތަފާތު އެކި ބުއިންތަކުގެ އިތުރުން، އެތަނުގެ އަނެއް ޚާއްސަ ކަމަކީ އެތަނަކީ ރިސައިކަލް ކުރެވިފައިވާ ސާމާނު ބޭނުން ކޮށްގެން ހަދާފައި ހުރި މޭޒުތަކާއި ބެންޗުތައް ޖަހައި، ރަސްޓިކް ތީމަކަށް ހަމްދާންގެ ގޭ ބިއްދޮށަށް ވާ ގޮތަށް ހަދާފައިވާ ތަނެއް ކަމެވެ. ދުވާލުގެ އެންމެ ހޫނު ގަދަ ވަގުތުގައި ވެސް އެތަނުގެ ގަސްތަކާއި ރުއްތަކުން ހިޔާ ލިބޭގޮތަށް ހަދާފައިވާ ހިތް ފަސޭހަ މައިޒާނެކެވެ.

މިތަން ފެށުނީ، ކޯވިޑް-19 އާއި ގުޅިގެން ރިސޯޓުތައް ބަންދު ކުރުމުން، ހަމްދާން ރަށަށް ބަދަލުވާން ޖެހުމުންނެވެ. އެގޮތުން ރަށުގައި ކަމެއް ނެތި ހުންނަން ޖެހުމުން، އޭނާ ރަށުގައި ހުރެގެން އެކި ބުއިންތައް ތައްޔާރުކޮށް، ރައްޓެހިންނަށް ދިނުމުން، ގިނަ ބައެއްގެ މެދުގައި ބުއިންތައް މަގުބޫލުވިއެވެ. އެހާ ހިސާބުން އޭނާ ވަނީ މިކަން ވިޔަފާރިއެއްގެ ގޮތުގައި ފަށާފައެވެ.

ކަޅިބިއް ޑްރިންކްސް ގެ ޚާއްސަ ކަމަކީ ކޮބާ؟

ހަމްދާން ބުނާގޮތުން، ކަޅިބިއް ޑްރިންކްސްގެ ޚާއްސަ ކަމަކީ، މިތަނުން ލިބޭ، މިތަނަށް ޚާއްސަ ބުއިންތަކަކީ އެހެން އެއްވެސް ތަނަކުން ލިބޭނެ ބުއިންތަކެއް ނޫނެވެ. ސަބަބަކީ މިއީ ހަމްދާނު ގެ އަމިއްލަ އުފެއްދުން ތަކަކަށްވުމެވެ. އެގޮތުން އޭނާ ބުނެފައިވަނީ، ކަޅިބިއް ޑްރިންކްސްގެ އެންމެ ޚާއްސަ ބުއިމަކީ ކަޅިބިއް ޕަރީ އެވެ. މީގެ އިތުރުން އޭނާ ވަނީ ރީނދޫ ކޭވައް ބޭނުން ކޮށްގެން، ކޭވަށް ޕެޝަން ނަމަކަށް ކިޔާ ބުއިމެއްވެސް މިތަނުގައި ތައްޔާރު ކޮށްފައެވެ. އޭނާގެ އަމިއްލަ އުފެއްދުން ތަކުގެ އިތުުރުން މޮހީތޯ، ކޮފީގެ ބުއިންތަކުގެ އިތުރުން، ކުޑަ ކުދިންނަށް ބޮވޭ ކަހަލަ ސްމޫތީވެސް ކަޅިބިއް ޑްރިންކްސް އިން ލިބެން ހުރެއެވެ. އަދި ހުރިހާ ބުއިންތަކަކީ ވެސް ޓޭކްއަވޭ ގެ ގޮތުގައި ވެސް ލިބޭ ބުއިންތަކެކެވެ.

ބުއިންތަކުގެ އިތުރުން ކަޅިބިއް ޑްރިންކްސްގެ އަނެއް ޚާއްސަ ކަމަކީ އެތަނުން ލިބޭ ކަސްޓަމަރ ސަރވިސްގެ ފެންވަރު ރަނގަޅުކަމެވެ. އެތަނަށް ދާ ކޮންމެ މީހަކާއިވެސް ހަމްދާނާއި އޭނާގެ ޓީމުން ބައްދަލު ކުރަނީ ހިނިތުން ވުމަކާއެކުއެވެ. އަދި ގިނަ ފަހަރަށް ހަމްދާނު އަމިއްލައަށް ގޮސް ބުއިމާއި ދޭތެރޭ ކަސްޓަމަރުން ދެކޭ ގޮތް އަހައި، ވާހަކަ ދައްކާ ހަދާލައެވެ. އޭނާ ބުނާގޮތުން، އެއީ ސަރވިސް ދާއިރާގައި އެތައް އަހަރެއް ވަންދެން އުޅުމުގެ ސަބަބުން އޭނާގެ ގައިގައި ހަރުލާފައި ހުރި އާދައެކެވެ.



އެންމެ ބޮޑު ޗެލެންޖަކީ ކޮބާ؟

ހަމްދާން ހާމަ ކުރިގޮތުގައި އޭނާގެ ވިޔަފާރީގައި އެންމެ ބޮޑު ގޮންޖެހުމަކީ ބުއިންތައް ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ލިބުމުގައި ދަތިތައް ދިމާ ވުމެވެ. ނަމަވެސް އޭނާ ދަނީ ބުއިންތައް ތަފާތު ގޮތަކަށް ބަދަލުކޮށްގެން ވެސް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހުއްޓުމެއް ނެތި ބުއިންތައް ތައްޔާރު ކޮށްދެމުންނެވެ. އަދި މީގެ އިތުުރުން، މިހާރު އޭނާ ބުއިންތައް ތައްޔާރު ކުރަނީ ގޭގެ ބަދިގެއިން ކަމުން ޖާގައިގެ ދަތިކަން ކުޑަކޮށް ދިމާވާ ކަމަށްވެސް އޭނާ ހާމަ ކުރިއެވެ. ނަމަވެސް އޭނާ ދަނީ ބަދިގެން ބޭރުން ބުއިން ތައްޔާރު ކުރުމަށް ތަނެއް ހަދަމުންނެވެ.

ހަމްދާން އިތުރަށް ކިޔައި ދިން ގޮތުގައި ކަޅިބިއް ޑްރިންކްސް އަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ. އަދި ބައެއް ފަހަރު އޯޑަރުތައް ގިނަ ކަމުން އޭނާ އަށް ބޭރަށް ނިކުމެ ކަސްޓަމަރުންނާއި ވާހަކަ ދާއްކާނުލެވެނީސް ކަސްޓަމަރުން ދާފަހަރުވެސް އަންނަ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިކަމުގައިވެސް އޭނާގެ އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ބޮޑެވެ. ބުއިންތައް ތައްޔާރު ކުރުމާއި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައިވެސް އޭނާއަށް އެހީތެރިވާ ޓީމަކީ އޭނާގެ އާއިލާއާއި އެކުވެރިންނެވެ.

ކަޅިބިއް ޑްރިންކްސްގެ ކުރިމަގަކީ ކޮބާ؟

ހަމްދާން އަކީ އަދިވެސް ކޮންރެޑްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމުން، ރިސޯޓަށް އޭނާ އަނބުރާ ދާން ޖެހޭނެއެވެ. އޭނާ ބުނާ ގޮތުން، އޭނާ ރިސޯޓަށް ގޮސް ވަރަށް އަވަހަށް އަނބުރާ އަންނާނެއެވެ. އަދި އޭނާ މުޅިން އައްޑޫގައި މަޑުކުރުމާ މެދު އަދި ގޮތެއް ނުނިންމައެވެ. ނަމަވެސް އޭނާ ނެތަސް އޭނާގެ އުފެއްދުންތަކުގެ ރަހައަށް އެއްވެސް ބަދަލެއް ނައިސް ކަޅިބިއް ޑްރިންކްސް އިން ލިބެން ހުންނާނެ ހެން، ވަނީ މީހަކު ތަމްރީނު ކޮށްފައެވެ. އަދި މިހާރުވެސް ބުއިންތައް ތައްޔާރު ކުރުމުގައި ހަމްދާނާއި އެކު އޭނާ ބައިވެރިވެއެވެ.

މީގެ އިތުރުން، ކަޅިބިއް ޑްރިންކްސް އިން މިހާރު ލިބެނީ ހަމަ އެކަނި ބުއިން ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެތަނުން ލުއި ކާނާ ވެސް ލިބެން ހުންނާނެއެވެ. އަދި އޭނާ ދަނީ ފޭދޫގައި ކޮފީ ޝޮޕެއް ހުޅުވުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ހަމްދާން ބުނާ ގޮތުން، އެތަން ކުރިއަށް އޮތް އަހަރުގެ ކުރީ ކޮޅުގައި ހުޅުވޭ ވަރުވާނެއެވެ.

ކަޅިބިއް ޑްރިންކްސް ހޯދާނީ ކިހިނެތް؟

ކަޅިބިއް ޑްރިންކްސް ހޯދަން އެންމެ ފަސޭހަ ގޮތަކީ އެތަނުގެ ފޭސްބުކް ޕޭޖު (kalhibih drinks) އަދި އިންސްޓަގްރާމް ޕޭޖު (kalhibih drinks@) މެދުވެރިކޮށް އެތަނަށް މެސެޖު ކުރުމެވެ. މީގެ އިތުރުން، އެޕޭޖުން އެތަނާއި ގުޅޭ ފޯނު ނަމްބަރުވެސް ފެންނަން ހުންނާނެއެވެ. އަދި ކަޅިބިއް ޑްރިންކްސް އަށް ދާން ބޭނުން މީހުންނަށް، ގޫގްލް މެޕް މެދުވެރިކޮށް އެތަނަށް ދާ މަގުވެސް ފަސޭހަ ކަމާއެކު ހޯދޭނެއެވެ.

ފޭސްބުކް ޕޭޖު: https://www.facebook.com/kalhibihdrinks-101841068309247/?ref=py_c
އިންސްޓަގްރާމް ޕޭޖު: https://instagram.com/kalhibih.drinks?igshid=10j5kvs3t5dhe