Last Updated: July 1, 23:03
Wednesday, July 2, 2025
ކުޅިވަރު

ލީގުގެ ފުރަތަމަ މެޗުގައި ބަޔާން އިން 8 ގޯލު ޖަހައިފި

ޖަރުމަނު ލީގުގެ އާ ސީޒަނުގެ ފުރަތަަމަ މެޗުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން 8-0 އިން ޝާލްކޭގެ މައްޗަށް ކުރި ހޯދައިފިއެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި އަށް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ސާން ގްނަބްރީ ވަނީ ހެޓްރިކެއް ހަދާފައެވެ. ބަޔާންގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އާއި ލިއޯން ގޮރެޓްޒްކާ އާއި ތޯމަސް މުލާގެ އިތުރުން ލީރޯއި ސާނޭ އާއި އުމުރުން 17 އަހަރުގެ ޖަމާލް މުސިއާލާ އެވެ.

މިއީ ޖަރުމަނު ލީގުގެ ފުރަތަމަ މެޗުގައި ޓީމަކުން މިހާ ތަފާތު ބޮޑުކޮށް މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ބަޔާން އަކީ ފާއިތުވި 8 އަހަރު ވެސް ޖަރުމަނު ލީގު ކާމިޔާބުކުރި ޓީމަށްވާއިރު، ޖެހިޖެހިގެން އަށް ފަަހަރު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑް އޮތީ މީގެ ކުރިން ޔުވެންޓަސް އަތުގައި އެކަންޏެވެ.

ބަޔާން އިން ވަނީ މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގެ އިތުރުން ޖަރުމަނު ކަޕާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ލީގުގައި ބަޔާން ދެން ބައްދަލުކުރާނީ ހޮފެންހެއިމްއާ އެވެ.