Last Updated: March 28, 18:00
Thursday, March 28, 2024
ދުނިޔެ

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަވަހާރަވެއްޖެ

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ރޫތް ބާޑާ ގިންސްބާގް އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 87 އަހަރުގައި ގިންސްބާގް އަވަހާރަވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. ގިންސްބާގް ފަރުވާ ހޯއްދަވަމުން ގެންދެވީ ފުރަމޭގެ ކެންސަރަށެވެ.

ގިންސްބާގް އަކީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ބެންޗުގައި އިންނެވި އެންމެ ދުވަސްވީ ފަނޑިޔާރެވެ. އަދި އެއީ ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރެވުނު އަންހެން ދެވަނަ ފަނޑިޔާރު ވެސް މެއެވެ. އޭނާ ވަނީ އެ މަގާމު 27 އަހަރު ވަންދެން ފުރުއްވާފައެވެ.

ގިންސްބާގް އަވަހާރަވުމާ ގުޅިގެން އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް ވިދާޅުވީ ގެއްލިގެން އެދިޔައީ އިންސާފަށް މަސައްކަތް ކުރި ޗެމްޕިއަނެއް ކަމަށާއި އަންނަން އޮތް ޖީލުތަކުން ވެސް ގިންސްބާގް އަދާކޮށްދެއްވި މަސައްކަތްތަކުގެ ހަނދާންތައް އާކުރާނެ ކަމަށެވެ.

އެމެރިކާގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އަވަހާރަވުމުގެ ކުރިން ގިންސްބާގް ވަނީ މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު ނިމެންދެން އޭނާގެ ބަދަލުގައި އެހެން ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ނުކުރެއްވުމަށް އެދޭ ކަމަށް އާއިލާގެ މެމްބަރުން ކައިރީގައި ވިދާޅުވެފައެވެ.

ނަމަވެސް ގިންސްބާގްގެ ބަދަލުގައި ވަރަށް އަވަހަށް ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނެ ފަރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ބުނެއެވެ.