Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ގިނަ އަދަދެއްގެ ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، 511 ބިޔަރު ދަޅާއި، 116 ބަނގުރާ ފުޅިއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ހެންވޭރު ގެއެއް ކައިރީގައި ޕިކަޕަކުން އެއްޗިހިތަކެއް ބާލަމުންދިޔަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ޕިކަޕު ބަލައި ފާސްކުރިއިރު 511 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 23 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، މާލެ ސިނާއީ ސަރަހައްދުން ވޭން އެއް ހުއްޓުވައި ބަލައި ފާސްކުރިއިރު 116 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.