Last Updated: April 24, 17:43
Wednesday, April 24, 2024
ޚަބަރު

ކޮރަޕްޝަން ހުއްޓުވޭނީ ރިޝްވަތު ހުށަހަޅާ ފަރާތަށްވެސް އަދަބު ދީގެން

ކުރީގެ ބަންޑާރަ ނާއިބުގެ ނައިބުކަން ކުރެއްވި އަދި ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

ކޮރަޕްޝަން ހުއްޓުވޭނީ ރިޝްވަތު ހުށަހަޅާ ފަރާތްތަކަށްވެސް ހަރުކަށި އަދަބު ދީގެން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދުގެ މައްޗަށް މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލައާ ގުޅިގެންނެވެ.

އޭސީސީން ބުނީ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދާރުއްޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) ޢިމާރާތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށްފަހު ކަމަށެވެ.

އުޝާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ސަރުކާރެއްގައި މިފަދަ ކުންފުނިތަކުގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާތަން ނުފެންނަ ކަމަށެވެ. އަދި އޭގެ ބަދަލުގައި ފެންނަނީ އަނެއްކާވެސް އުސޫލުން ބޭރުން އެކުންފުނިތަކަށް ޕްރޮޖެކްޓްތައް ހަވާލުކުރާތަން ކަމަށް އުޝާމް ވިދާޅުވިއެވެ.

ޒިޔާދުގެ އިތުރުން އެ މައްސަލައިގައި އޭރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް ޢަބްދުﷲ ސަޢީދު ގެ މައްޗަށް ވެސް ދައުވާކުރަން ވަނީ ފޮނުވާފައެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތް ހާމަކުރަމުން އޭސީސީން ބުނީ 1439ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލްއެއްގެ މަޢޫލޫމާތު ހިމަނައި އެ ތިންފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، މި ޕްރޮޕޯސަލްތަކުގެ މަޢުލޫމާތު ރައީސުލްޖުމުހުރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވަނީ މި ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަންކަމަށް ތަޙްޤީޤަށް ޤަބޫލުކުރެވޭ ކަމަށް އޭސީސީން ބުނެއެވެ.

އަދި އޭރު އިސްލާމިކް މިނިސްޓަރގެ މަޤާމުގައި ހުރި ޒިޔާދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވާއިރު، އެ ޕްރޮޕޯސަލްތަކަކީ ކިހިނެއް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތުމުންނާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުޞޫލު ނޫންކަމާއި، އަދި އިސްލާމިކް މިނިސްޓްރީއިން އެފަދަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.