Last Updated: July 2, 23:14
Wednesday, July 2, 2025
ޚަބަރު

ގައްދޫ އިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގދ.ގައްދޫ

ގދ.ގައްދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ގައްދޫ ކައުންސިލުން ބުނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މާލެ އިން ގައްދޫ އަށް އައިސް ހޯމް ކަރަންޓީނު ވެފައިވާ ބިދޭސީއެއް ކަމަށެވެ. މި ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.

މިކަމާއި ގުޅިގެން ކޯވިޑް-19 ގައްދޫ ޓާސްކްފޯސް އިން ވަނީ ކޮންޓެކްޓް ޓްރޭސިންގ ނިމެންދެން ތަންތަނުގައި ގިނަ މީހުން އެއްވެ ނޫޅުމާއި ފިހާރަތަކަށް ވަދެ އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމާއިއެކު އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން ފިހާރައަށް ނުވަނުމާއި އަދި ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައިގެން ނޫނީ ނޫޅުމަށް އިލްތިމާސް ކޮށްފައެވެ.

ގައްދޫ ކައުންސިލުން ވަނީ މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ސިއްޚީ ފަރާތްތަކުންނާއި ގައްދޫ ކައުންސިލް އިދާރާ އާއި ގައްދޫ ކޯވިޑް-19 ޓާސްކްފޯހުން އަންގާ އެންގުންތަކަށް ފުރިހަމައަށް އެއްބާރުލުންދީ ސަމާލުވުމަށް އެދިފައެވެ.

އަދި ވަކިން ޚާއްސަކޮށް ހޮޓާތަކާއި ކެފޭތަކުގައި ވެސް ގައިދުރުކަން ބަހައްޓައިގެން ނޫނީ ނުތިބުމަށާއި މާސްކް އަޅައިގެން ތިބުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.