Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އީވާން މަރާލުމުން މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ފާހަގަވި: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

މާފުށީ ޖަލުގައި އަނިޔާވެރިކަމާއެކު އީވާން ނަސީމް މަރާލި ދުވަހަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އަނިޔާވެރިކަން ފާހަގަވި ދުވަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ސިފައިން ތަޅައި އަނިޔާކޮށްގެންނެވެ. ޖަލުގައި ބަޑިޖެހި ހާދިސާ އައީ ޖެހިގެން އައި ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ. އެ ދެ ހާދިސާ އަކީ ވެސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ ފެށި އިސްލާހުގެ ހަރަކާތުގެ ފެށުމެވެ.

އީވާން މަރާލިތާ މިއަދަށް 17 އަހަރު ފުރޭއިރު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމަށެވެ. އަދި އަނިޔާއާ ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލުކުރުމަށް ނިކުތީ ވެސް އެ ސަބަބާއި ހުރެކަން ނަޝީދު ފާހަގަކުރެއްވިއެވެ.

މައުމޫންގެ ސަރުކާރުން އީވާން މަރާލި މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް ފަހު އެ މައްސަލާގައި 12 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އޭގެ ތެރެއިން އީވާން މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ ހާދިސާއާ ގުޅިގެން މަރުގެ ހުކުމް އިއްވި ފަހުން ރާއްޖޭގައި ބަޔަކު މެރުމަށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.

ނަމަވެސް އީވާންގެ މަރާއި ގުޅިގެން ހުކުމް އިއްވި އެއްވެސް މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.