Last Updated: April 25, 21:20
Thursday, April 25, 2024
ވިޔަފާރި

އޮކްޓޯބަރުގެ ނިޔަލަށް 94 ޕަސެންޓު ރިސޯޓު ހުޅުވަނީ

އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ 94 ޕަސެންޓު ރިސޯޓު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ގްލޯބްޓްރެންޑް މެގަޒިންއަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ހިދުމަތް 40 އަށް ވުރެ ގިނަ ރިސޯޓަކުން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އަދި މި މަސް ނިމުމުގެ ކުރިން އިތުރު 29 ރިސޯޓަކުން ހިދުމަތްދޭން ފަށާނެ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބާރު ބޮޑު މޫސުމަށް ރާއްޖޭގައި އޮޕަރޭޓް ކުރާ 156 ރިސޯޓްގެ ތެރެއިން 146 ރިސޯޓު ހުޅުވޭނެ ކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ.

ރިސޯޓުތަކުން ހިދުމަތްދޭން ފަށާފައިވާއިރު އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި އަދިވެސް ދަށް ނުވާތީ އެ ތާރީހުގައި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވާނެއެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމަށް މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ފަހުން، ރާއްޖެ އައި މީހުންގެ އަދަދު 69 އިންސައްތަ އަށް ވަނީ އިތުރުވެފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި 15 އިން ފެށިގެން އޯގަސްޓް 15 އާ ދެމެދު ރާއްޖެ އައިސްފައިވަނީ 7،607 މީހުންނެވެ. ނަމަވެސް އޮގަސްޓު މަހުގެ 16 އިން މި މަހުގެ 16 ގެ ނިޔަލަށް 12،883 މީހުން ރާއްޖެ އައިސްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. މިއީ 69.36 ގެ އިތުރުވުމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.