Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

ޖަލުގައި މީހުންގެ ގަޔަށް ބަޑިޖެހި ގޮތުގެ ހަގީގަތް ސާފުވާންޖެހޭ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު - ފޮޓޯ: ވަން އޮންލައިން

ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް އަދިވެސް ހޯދިފައި ނުވާ ކަމަށާއި އެ ކަންކަން ސާފުވާންޖެހޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެމްޑީޕީގެ ބަޔާނުގައި ބުނީ މި ޖަރީމާއަކީ ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެދޫކޮށްފައިވާކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ޙަޤީޤަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ޤަބޫލުކުރެވޭމިންވަރަށް ތިލަވެގެންދިއަ ޖަރީމާއެއް ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިޔަ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މައުމޫންގެ ސަރުކާރުގެ މި އަނިޔާވެރި ޖަރީމާއަށްފަހު ވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް ހޯދިފައިނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.

"މިގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ޤާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަޙްޤީޤެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަން ފާހަގަކުރަމެވެ" އެ ބަޔާނުގައި ވެއެވެ.

އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ސިފައިން ތަޅައި އަނިޔާކޮށްގެންނެވެ. ޖަލުގައި ބަޑިޖެހި ހާދިސާ އައީ ޖެހިގެން އައި ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ. އެ ދެ ހާދިސާ އަކީ ވެސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ ފެށި އިސްލާހުގެ ހަރަކާތުގެ ފެށުމެވެ.